ޚަބަރު

ނޫސްވެރިންގެ ޝަކުވާއަކަށްވީ ބިލަށް ބަދަލުގެންނާތީ، ނޫސްވެރިންގެ ޝުކުރު ރައީސްއަށް


ހެއްކާބެހޭ ޤާނޫނަށް އިސްލާޙު ހުށައެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ހާމަކުރެއްވުމާއި ގުޅިގެން، އެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މަރުޚަބާ ކިޔައިފިއެވެ.

ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ހިމަނާފައި އޮތުމުން އެކަމާމެދު ނޫސްވެރިންނާއި ނޫސްވެރިން ތަމްޞީލުކުރާ މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެއެވެ.

ނޫސްވެރިންގެ ހުރި ޝަކުވާތަކަށް ރިޢާޔަތްކޮށް ހެއްކާބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިޢުލާންކުރުންވެގެންދިޔައީ ނޫސްވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމަކަށެވެ. ސަބަބަކީ ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާ އޮތްގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ރާއްޖޭގެ ޤާނޫނު އަސާސީންވެސް ނޫސްވެރިންނަށް ކަށަވަރުކޮށްދޭ ޙައްޤުތަކަށް ފުށުއަރާތީއެވެ.

ނޫސްވެރިންގެ ހުރި މި ކަންބޮޑުވުންތަކަށް އިޝާރަތްކުރައްވާ، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ ޤާނޫނަށް އިސްލާޙު ގެންނެވުމަށް ނިންމަވާފައިވާކަން އިޢުލާން ކުރައްވާފައެވެ. މި ޙަފްލާގައި ރައީސް ވިދާޅުވީ، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ޙަރަކާތްތެރިވާނެ ފުރުޞަތު މިއަދު އެބައޮތްކަމަށާއި، ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތްކަމަށެވެ.

"މިދިޔަ ޖުލައި މަހު ތަޞްދީޤުކުރި، ހެތްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ)އަށް، ގެނެވުނު އިޞްލާޙާމެދު މީޑިއާގެ ކަންބޮޑުވުމެއް އެބައޮތް. މިކަމާ ގުޅޭގޮތުން، މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު މަޝްވަރާ ކުރިން. މިކަމުގައި ޙައްލެއް ހޯދުމަށް، އެ ޤާނޫނު އަލުން އިޞްލާޙު ކުރުމަށް، އަޅުގަނޑު މިހުރީ ނިންމައިގެން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަށް މަރުޚަބާ ވިދާޅުވެ، މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި އެ ކައުންސިލުގެ މައިގަނޑ މަސައްކަތަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅާ އާލާކޮށް ދަމަހައްޓާ ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމުކޮށްދިނުންކަން ފާހަގަކޮށްފައިވެއެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެހެން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫކުރުވާ މާއްދާއެއްކަމުގައިވާތީ، އެކަމުގެ ކަންބޮޑުވުން މީޑިއާ ކައުންސިލާއި، ނޫސްވެރިންގެ އިތުރުން މީޑިއާތަކުގެވެސް އޮތްކަން މީޑިއާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުކަމަށްވެފައި، ސަރުކާރު ޒިންމާދާރުކުރުވުމުގައި މުހިއްމު ދައުރެއް ނޫސްވެރިން އަދާކުރާއިރު، ހެއްކާބެހޭ ޤާނޫނު އޮތްގޮތުން ނޫސްވެރިންގެ ޒިންމާތަކާ މަސައްކަތްތަކަށް ހުރަސްތަކެއް އެޅޭކަން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން، ޤާނޫނަށް އިސްލާޙު ގެންނެވުމަށް ރައީސް ޞާލިޙު ނިންމެވުމަކީ، އެމަނިކުފާނަކީ މީޑިއާއި ގާތް، ނޫސްވެރިންގެ ކަންބޮޑުވުންތަކާ ޝަކުވާތައްވެސް އަޑުއައްސަވާ، އަދި އެކަންކަމަށް ޙައްލު ގެންނަވާ ބޭފުޅެއްކަން ހާމަވާކަމަށް މި ދާއިރާގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން ފާހަގަކުރެއެވެ.