ވިޔަފާރި

މިއަހަރުގެ އާމާޒަކީވެސް އެންމެ މަޤްބޫލް މަންޒިލުގެ އެވޯޑް: މިނިސްޓަރ


މިއަހަރުގެ އަމާޒަކީވެސް 3 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލުގެ ލަޤަބު ހާސިލް ކުރުންކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޖީއެމް ފޯރަމް ފެށުމުގެ ރަސްމީއްޔާތުގައެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޖީއެމް ފޯރަމް ފެށުމުގެ ރަސްމީއްޔާތުގައި މިނިސްޓަރ މައުސޫމްގެ އިތުރުން، ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތް ކުރައްވާފައިވާ ޗަމްޕާ ހުސެއިން އަފީފް އަދި އެމްޔޫ އުމަރު މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، މިއަހަރު މިހާތަނަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ނަތީޖާ ނެރެދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު، 2019 ވަނަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ފަތުރުވެރިންގެ އަދަދުތައް ހުރީ 4.8 އިންސައްތަ ތިރީގައި ކަމަށް ވިދާޅުވިއެވެ. އަދި މިއީ އޭރުގެ މުހިންމު މާކެޓްތައް ނުލައި މިއަހަރު ހާސިލް ކުރެވިފައިވާ އަދަދެއްކަމުން އޮކްޓޯބަރ ނޮވެމްބަރ އަދި ޑިސެމްބަރުގައިވެސް އަދަދުތައް ރަނގަޅު ވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިއަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އަމާޒަކީ 3 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލުގެ ޝަރަފު ހާސިލު ކުރުން ކަމަށެވެ. އަދި އެކަން ކުރެވިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ހޮޓެލިއަރ ޖީއެމް ފޯރަމުގައި ދާއިރާގެ ފުންނާބު އުސް ގިނަ ފަރާތްތަކުން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެއެވެ. މިއަހަރުގެ ފޯރަމް ހަތަރު ތީމެއްގެ މައްޗަށް ބިނާވެއެވެ. އެއީ، ޕެންޑަމިކްއަށްފަހު ވެލްނެސް އެންޑް ވެލްބީންގް، ތަމްރީނާއި ތަރައްޤީ، ކޮންޒަވޭޝަން ޓުއަރިޒަމް އަދި ހޮޓެލް އިންވެސްޓްމެންޓްއެވެ. މިއީ ހޮޓަލިއަރ މޯލްޑިވްސްއިން ބާއްވާ 6 ވަނަ ޖީއެމް ފޯރަމްއެވެ.

ކުރުނބާ ރިސޯޓުގައި ކުރިއަށްދާ މި ފޯރަމުގައި އިންޑަސްޓްރީގެ 100 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާ ކަމަށް ހޮޓަލިއަރ މޯލްޑިވްސްއިން ބުނެއެވެ.