ވިޔަފާރި

އައްޑޫގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް އައްޑޫ ވިޔަފާރިތަކުން އޯޓީއެމްއަށް!


އައްޑޫ ޕްރޮމޯޓްކުރުމަށް އައްޑޫގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ އިންޑިއާގެ މުންބާއީގައި ކުރިއަށްގެންދާ އޯޓީއެމް ޓްރެވެލް ޝޯގައެވެ. މިމަހުގެ 13 އިން 15އަށް ކުރިއަށްގެންދާ ޓްރެވެލް ފެއަރގައި އައްޑޫގެ ފަތުވެރިކަމުގެ ވިޔަފާރީގައި ހިމެނޭ ހުރިހާ ގިންތިއެއް ވަނީ ތަމްސީލްވެފައެވެ.

އެގޮތުން އައްޑޫގައި އެންމެ ފަހުން ހުޅުވުނު ސައުތުޕާމް ރިސޯޓާއި، ކެނެރީފް އައިލޭންޑް ރިސޯޓުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އައްޑޫގެ ގެސްޓް ހައުސްއެއް ކަމަށްވާ 3 އެސްއިން ބައިވެރިވެފައިވާއިރު، ޓްރެވެލް އެޖެންސީއެއްގެ ގޮތުން ގޯ ޓްރިޕްއިން ވަނީ ހަރަކާތުގެ ޓީމުގައި ބައިވެރިވެފައެވެ. އޯޓީއެމް ހަރަކާތުގައި އައްޑޫ ޕްރޮމޯޓް ކުރަނީ "އީކުއޭޓަރ ހުރަސްކޮށް އޮތް މުތެއް" މި ޝިއާރުގެ ދަށުންނެވެ.

އިންޑިއާގެ މުމްބާއީގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތާއި ގުޅޭގޮތުން ސައުތުޕާމުން ވިދާޅުވީ، އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ފަތުވެރިން އަންނަމުންދާ އެންމެ ރަނގަޅު އެއް މާކެޓް ކަމަށެވެ. މިފަހަރު އޯޓީއެމް ފެއަރގައި 1000 އަށް ވުރެ ގިނަ އެގްޒިބިޓަރުން 55 ޤައުމަކުން ބައިވެރިވެއެވެ.

އޯޓީއެމް ފެއަރއަކީ އިންޑިއާގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިފަހަރުގެ ހަރަކާތުގައި އައްޑޫ ޕްރޮމޯޓްކުރުމަށް އައްޑޫގެ ވިޔަފާރިތަކުން ގޮސްފައިވާއިރު، މިއީ އައްޑޫ އެކަނި މިފަދަ ހަރަކާތެއްގައި ޕްރޮމޯޓް ކުރެވޭ ފުރަތަމަ ފަހަރެވެ.

އައްޑޫ ޕްރޮމޯޓްކުރުމަށް އޯޓީއެމްއަށް ދިޔަ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ސައުތުޕާމްއިން ބުނީ ކުރިއަށްވެސް އައްޑޫ ޕްރޮމޯޓްކުރުމަށް އިތުރު މަސައްކަތް ކުރުމަށް ރޭވިފައިވާކަމަށެވެ.