ޚަބަރު

"ރަސް ފަންނު" ހެދިގޮނޑުދޮށް ރައީސް ހުޅުއްވައިދެއްވައިފި


މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރެއްވި ހެދިގޮނޑުދޮށް، "ރަސްފަންނު" ރަސްމީކޮށް ހުޅުއްވައިފިއެވެ.މާލޭ ހުޅަނގު ފަރާތުގައި އައު ހެދިގޮނޑުދޮށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. އައު ހެދިގޮނޑުދޮށް ހުޅުވާފައިވަނީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއިއެކު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ."ރަސްފަންނު"ގެ ނަން ދީފައިވާ މި ހެދި ގޮނޑުދޮށް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.އައު ހެދިގޮނޑުދޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ ނުތަވަސްކަމާ ހިތްހަމަނުޖެހުން ނޫން ކަމަށާއި، ރާއްޖެއަށް ބޭނުންވަނީ އަމަންއަމާންކަމާއި ހިތްހަމަޖެހުން ކަމަށް ވިދާޅުވެފައެވެ. އަދި، މި ހެދިގޮނޑުދޮށާއިއެކު، ރާއްޖޭގެ ރައްޔިތުންގެ އަމަންއަމާންކަމުގެ ތަޞައްވުރު އައުވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.ރަސްފަންނުގެ ތަރައްޤީކުރުމުގެ ޕްލޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ތަން ތަރައްޤީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އަމާޒު ކުރައްވައިގެން، ތަފާތު ގިނަ ޚިދުމަތްތަކެއް ހޯދުމުގެ ފުރުޞަތު ފަހިވާ ގޮތަށްކަމަށެވެ. އަދި، ރަސްފަންނުގައި ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ޕެވިލިއަންގެ މަސައްކަތް ނިމުމުން، މި ތަން ވެގެންދާނީ މިފަދަ ކޮންސެޕްޓަކަށް ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ތަނަށްކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ.ރަސްފަންނު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްފަހު ރައީސްގެ ދެކަނބަލުންވަނީ އެ ތަން ބައްލަވާލައްވާފައެވެ. ބީޗްގެ މެދުގައި ހަދާ ޕެވިލިއަންގެ ތްރީޑީ އެނިމޭޝަނެއްވެސް ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.ރަސްފަންނުން ފެނިގެންދަނީ ރާއްޖޭގެ ހިތްގައިމު ރަށެއްގެ މަލަމަތީގެ މަންޒަރުތަކެކެވެ. މި ތަނުގައި މަސް ބޭނުމަށް ޚާއްޞަ ސަރަހައްދަކާއި، ބާބަކިއު ހަދާނެ އިންތިޒާމްތަކުގެ އިތުރުން، މޫދަށް އެރޭނެ ބޮޑު ސަރަހައްދެއްވަނީ ހަދާފައެވެ. އަދި،އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްފައިވާ ކަސްރަތު ކުރާނެ ސަރަހައްދެއްވެސް ރަސްފަންނުގައިވަނީ ތަރައްޤީ ކުރައްވާފައެވެ. މީގެ އިތުރުން، ޑައިވް ކުރުމަށް ވަކި ޚާއްސަ ޕޮއިންޓެއްވެސް އެތަނުގައިވަނީ ކަނޑައަޅާފައެވެ.މިހާރު ބިނާކުރަމުންދާ ޕެވިލިއަންގެ މަސައްކަތް އޭޕްރިލް މަހުގެ ތެރޭގައި ނިމިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއެވެ. މިއީ، މާލޭގައި އުޅޭ ރައްޔިތުން ހިތްހަމަޖެހިގެން އުޅެވޭނެ މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ތަރައްޤީ ކުރެއްވި ތަނެކެވެ.