ޚަބަރު

ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ޤާއިމުކޮށް، ޚިދުމަތްދޭން ފަށައިފި


ހދ.ނޮޅިފަރަންފަރުގެ ފެނުގެ ނިޒާމު ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޕްރޮޖެކްޓްގެ ނިންމާ ޚިދުމަތް ފެށުން އިފްތިތާޙުކޮށްދެއްވީ، އެކަމަށްޓަކާ ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ވޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަދި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ހުސައިން ރަޝީދު ޙަސަންއެވެ.

ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ މަސައްކަތަކީ ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީއާއި ސަރުކާރާ ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔައީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.

މި ޕްރޮޖެކްޓް އެ ކުންފުންނާ ހަވާލުކުރީ 2018ވަނަ އަހަރުުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ ޢަމަލީ މަސައްކަތްތައް ފެށީ 2019ވަނަ އަހަރުގެ މެދުތެރޭގައެވެ. އަދި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފެބްރުއަރީގައި ވަނީ ނިމިފައެވެ. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް މިހާރު މިވަނީ ރަށުގައި ފެނުގެ ޚިދުމަތް ދޭން ފަށާފައެވެ.

މި ޕްރޮޖެކްޓްގެދަށުުން 16.7 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ.

ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަނަޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ދެމެހެއްޓެނިވި ރަނގަޅު ފެނުގެ ނިޒާމަކީ ކޮންމެ ރަށަކަށްވެސް މުހިންމުވެފައިވާ ޚިދުމަތެއްކަމަށެވެ.

މިޕްރޮޖެކްޓްގެ ތެރެއިން ނޮޅިވަރަންފަރުގައި ވަނީ ރައްކާތެރި ބޯފެނުގެ ނިޒާމުވެސް ޤާއިމުކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން، ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތަށް ފެނަށް ޖެހުމުގެ މައްސަލަ ކޮންމެ އަހަރަކުވެސް ކުރިމަތިވާކަމަށެވެ. އަދި މި މަޝްރޫޢުގައި ހިމަނައިގެން ކުރިއަށްގެންދިޔަ، ބޯފެން ރައްކާކުރާ ނިޒާމާއެކު މި މައްސަލައަށް ޙައްލުލިބިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވަނީ ކޮވިޑްގެ ދަތި ޙާލަތުގައި ރާއްޖެ އޮއްވާވެސް، މި މަޝްރޫޢު ހުއްޓާ ނުލާ ކުރިއަށްގެންދިޔަކަމަށްޓަކައި ސަރުކާރަށް ޝުކުރު އާދާކޮށްފައެވެ. އަދި 2 އަހަރުން މަސައްކަތް ނިންމާ މިއަދު ޚިދުމަތް ފެށިގެންދާއިރު، މީގެން ފެންނަނީ ސަރުކާރުން ރަށާ މެދު ބާއްވަމުންދާ ގާތް ގުޅުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު ނަޝީދު ވިދާޅުވީ ނޮޅިވަރަމް ދާއިރާގެ އެއްވެސް ރަށަކީ، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްކަތަށް ހުރަސް އަޅާނެ ބައެއް އުޅޭނެ ރަށެއް ނޫންކަމަށެވެ. އަދި މި ޚިދުމަތް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފެނަކަ ކުންފުންޏާ މެދުގައިވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.


ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބްދުﷲ ނަދީމް ވިދާޅުވީ މި ޕްރޮޖެކްޓްގެދަށުން ރަށުގެ 200 ގެއަށް މިހާރު ފެނުގެ ވިއުގަ އަޅާ، ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. އަދި ރަށުގައި އަލަށް މީހުން އާބާދުވާ ހިސާބުތަކަށްވެސް މި ޒާމުން ރައްކާތެރެރި ފެނުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ.

ސާފު ފެން ފޯރުކޮށްދިނުމުގެ މި މަޝްރޫޢުގައި ނޮޅިވަރަންފަރުގެ 45 ޓަނުގެ 2 އާރް.އޯ ޕްލާންޓް ވަނީ ޤާއިމުކޮށްފައެވެ. މި ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެއެވެ. އަދި ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގިއެއް ވަނީ ބަހައްޓާފައެވެ.

އެއްފަސުކުރުމުގެ ސިޔާސަތުގެ ދަށުން، ނޮޅިވަރަންފަރަށް 3 ރަށަކުން މީހުން ބަދަލުކޮށްފައިވެއެވެ. އެއީ މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫގެ މީހުންނެވެ. އަދި ރަށުގެ އާބާދީ 1800އަށް އަރައެވެ.