ވިޔަފާރި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން މިމަހު އާންމުކުރަނީ


ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މިމަހު އާންމުކުރާނެކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން 31 ޑިސެމްބަރ 2021ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިންގ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ނަންތައް މިމަހު އާންމުކުރާނެކަމަށެވެ.

ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސް މަހުގައި ހާމަކުރަމުން ދާނެކަމަށް މީރާއިން ބުނެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާވާ ފަރާތްތަކުގެ ނަންތައް އަންނަ އޮކްޓޯބަރ މަހު އާންމުކުރާނެކަމަށްވެސް މީރާއިން ބުންޏެވެ.

ދައުލަތައް ދައްކަންޖެހި ނުދައްކާވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައެޅިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ. އެހެންކަމުން މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށައެޅުމަށާއި، ޓެކްސް ނުދައްކާވާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް ނުވަތަ އެ އޮތޯރިޓީއާއިއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.