ޚަބަރު

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކޯޓުއަމުރު ނެރޭނީ ކްރިމިނަލްކޯޓުން


މާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރުއްވަންޖެހޭ ކޯޓު އަމުރުތައް ނެރުއްވާނީ ސުޕްރީމް ކޯޓުން ކަނޑަނާޅުއްވާ ހިނދަކު ހަމައެކަނި ކްރިމިނަލް ކޯޓުންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ. އެކޯޓުން މިއަދު ނެރުއްވި ސަރކިއުލާއެއްގައި ވަނީ، ޖިނާއީ އެކި މައްސަލަތަކާ ގުޅިގެން ނެރުއްވަންޖެހޭ ކޯޓު އަމުރުތަކާއި ކުށުގެ ޢަމަލުތަކާ ގުޅިގެން އަޅުއްވާ އިޖުރާޢީ ފިޔަވަޅުތަކަކީ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މުޖުތަމަޢުގެ ހަމަހިމޭންކަމާއި ދައުލަތުގެ ނިޒާމާ ފުށުނާރާގޮތަށް ހަމަޖެހިފައިވާ އިޚްތިޞާޞްގެ ތެރެއިން ހަލުވިކަމާއެކު އިންސާފު ލިބިދިނުމަށާއި، ޢަދުލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުން ކަށަވަރުކުރުމުގެ މަޤްޞަދުގައި އެޅޭ ފިޔަވަޅުތަކަކަށް ނުވަތަ ނެރެވޭ ޢަމުރުތަކަކަށް ހެދުމަށްޓަކައި ކޯޓު އަމުރުތައް ނެރުއްވުމުގައި 6 ކަމަކަށް ރިޔާޢަތްކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި ކޯޓު އަމުރުގެ މަޤްޞަދާއި، ކޯޓު އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ ތަނާއި، ކޯޓް އަމުރު ރައްދުވާ ފަރާތް ވަޒީފާ އަދާކުރާ ރަށަށް ރިޔާޢަތްކުރައްވާނެކަމަށް ސަރކިއުލާގައިވެއެވެ. އަދި ކޯޓު އަމުރު ނެރޭނަމަ އޭގެ ޒަރޫރަތްތެރިކަން އޮތް މިންވަރާއި، ކޯޓްއަމުރު ނެރެންޖެހޭ ޤާނޫނީ ހަމަތަކާއި އިޖުރާޢަތާއި ސަބަބުގެ ޞައްޙަކަމާއި، ކޯޓު އަމުރު ދެމިއޮންނާނެ މުއްދަތަށް ރިޔާއަތްކުރައްވަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ސަރކިއުލާގައިވެއެވެ. ރާއްޖޭގެ ވެރިކަންކުރާ މާލެ، ވިލިމާލެ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް، މިސރކިއުލަރގެ މަޤްޞަދަށްޓަކައި ނެރެންވާނީ ޤާނޫނަކުން ނުވަތަ ރާއްޖޭގެ ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހަމައެކަނި ކްރިމިނަލް ކޯޓުން ކަމުގައި ހަމަޖައްސާފައިވާކަމަށް ސުޕްރީމް ކޯޓުގެ ސަރކިއުލާގައިވެއެވެ.