ޚަބަރު

ރައީސް އަރިހަށް ބޫޓާންގެ ސަފީރު ވަދާޢީ ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލަންސީ މިޒް ޕެމާ ޗޯޑެން ‏‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ބޫޓާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ‏ހަރ އެކްސެލަންސީ މިޒް ޕެމާ ޗޯޑެން ‏‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބޫޓާނާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ބޫޓާންގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެކަމަނާއަށް ވަރަށްބޮޑު ‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ބޫޓާންގެ ސަރުކާރުން އަބަދުވެސް ‏‏ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.