ޚަބަރު

ޑރ. ޝަހީމްގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރު" ފޮތް ނެރެފި


އިސްލާމިކް އޯގަނައިޒޭޝަން ފޯރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން، އައި.އޯ.ސީ.ސީގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވި ""ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރު" ފޮތް ނެރެފިއެވެ.

މި ފޮތް ނެރުމަށް އައި.އޯ.ސީ.ސީ ބޭއްވި ރަސްމިއްޔާތުގައި، މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަރ ޖެނެރަލް، ޙަސަން ޒިޔަތެވެ.

މިފޮތުގައި މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި ޢަމަލު ކުރަމުން އައި ގޮތާއި، މުދަލު ޒަކާތް ބެހުމުގައި ރާއްޖޭގައި ޢަމަލުކުރަން ފެންނަ ގޮތާއި ޒަކާތުގެ ނިޒާމު ހަރުދަނާކުރާން ޑރ. ޝަހީމަށް ފެނިވަޑައިގަންނަވާ ބައެއް ޚިޔާލުތައް ހިއްސާކުރައްވާފައިވެއެވެ. އަދި ޒަކާތާ ބެހޭ ޤާނޫނެއްގެ ތަޞައްވުރެއްވެސް މި ފޮތުގައި ހިމަނުއްވާފައިވެއެވެ.

ފޮތުގައި ހިމަނާފައިވާ އެންމެހާ ހުށައެޅުންތަކަކީވެސް އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކެޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ބެހޭ އިސްލާމީ ދިރާސާތަކާއި ބައިނަލްއަޤުވާމީ މަހާސިންތާތަކުގެ ނިންމުންތަކުގެ އަލީގައި ހުށައަޅައިފައިވާ ހުށައެޅުންތަކެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މި ޒަމާނުގެ ފިޤުހީ ހަމަތަކާއި ޤަވާޢިދުތަކުގެ އަލީގައި ދިވެހިރާއްޖޭގެ ޒަކާތު ފަންޑު ތަރައްޤީކޮށް ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

މި ފޮތަކީ އައި.އޯ.ސީ.ސީ އިން އުފައްދާފައިވާ އިސްލާމިކް ސޯޝަލް ފަންޑަށް ވަޤުފު ކޮށްފައިވާ ފޮތެވެ. މި ފަންޑަކީ ކީރިތި ޤުރުއާނާއި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ ކަންކަމުގައި ޚަރަދު ކުރުމަށް ޚާއްޞަކޮށް ޤާއިމު ކޮށްފައިވާ ފަންޑެކެވެ. އަދި މި ފޮތް އިލްމު އިންސްޓިޓިއުޓުން ގަންނަން ލިބޭނެކަމަށް އައި.އޯ.ސީ.ސީން ވިދާޅުވެއެވެ. މިފޮތް ޕަބްލިޝްކޮށްފައިވަނީ އައިއޯސީސީ ޕަބްލިޝަރ އިންނެވެ.

މިއަހަރުގެ ތެރޭގައި ޑރ. ޝަމީމް ލިޔުއްވާފައިވާ 8 ފޮތެއް ނެރުމަށް ހަމަޖެހިފައިވެއެވެ. މި ހުރިހާ ފޮތެއްވެސް ވަނީ ޗާޕުކުރުމުގެ މަރުޙަލާގައެވެ.