ޚަބަރު

ބޯހިމެނުމުގެ މަޢުލޫމާތު ނަގަންދަނީ، އެމްބީއެސް މެންބަރެއްކަން ކަށަވަރުކުރެވޭނެ ލިންކެއް


ބޯހިމެނުމަށް މަޢުލޫމާތު ނަގަން ދަނީ އެކަމުގެ ހުއްދަ އޮތް މީހެއްކަން ކަށަވަރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

ބޯހިމެނުމާއި ގުޅޭ މަޢުލޫމާތު ނެގުމަށް ގޭގެއާއި ވިޔަފާރިކުރާ ތަންތަނަށް ދާ އެނިއުމަރޭޓަރުން ނުވަތަ ސަރވެއަރުންނަކީ، ބިއުރޯގެ ޓީމް މެންބަރުންކަން ކަށަވަރުކުރާނީ ސެންސަސް ވެބްސައިޓްގެ ލިންކެއް މެދުވެރިކޮށެވެ.

https://census.stag.mpao.mv/ ގައި، އެތަނަކަށް ދާ ސަރވޭ ޓީމް މެންބަރުގެ އައިޑީ ކާޑު ނަންބަރު ޖެހުމުން، އެމީހަކު ސެންސަސް ޓީމްގައި ހިމެނޭނަމަ އެއީ ހުއްދަދެވިފައިވާ މީހެއްކަން ޔަގީންކޮށްދީ އެ މެސެޖް ވަގުތުން ފޯނުން ފެންނާނެއެވެ. ސެންސަސް ޓީމްގެ މެންބަރެއް ނޫންނަމަށް، އެގޮތަށް ބަޔާންކޮށް ފޯނުން އެ މެސެޖް ފެންނާނެއެވެ. މިފަދަ ހާލަތްތަކުގައި ބިއުރޯގެ ހޮޓްލައިން ނަންބަރ 1423 އަށް ގުޅައިގެން އިތުރަށް ބެލޭނެއެވެ.

މިގޮތަށް ލިންކެއް މެދުވެރިކޮށް، ބޯހިމެނުމަށް މަޢުލޫމާތު އެއްކުރުމަށް ހުއްދަ ދެވިފައިވާ މީހެއް ކަށަވަރުން މުހިންމުވަނީ، ބޯހިމެނުމުގެ މަސައްކަތަކީ މީހާގެ ޒާތީ މަޢުލޫމާތު ހިމެނޭކަމަކަށްވާތީއެވެ.

މި ލިންކުން އާއްމުންގެ އެއްވެސް މަޢުލޫމާތެއް ނުބެލޭނެއެވެ. މިއީ ހަމައެކަނި، މި ޓީމް މެންބަރުން ކަށަވަރުކުރުމަށް ބޭނުންކުރާ ލިންކެވެ. މީގެ އިތުރުން މި މަސައްކަތުގެ ތެރެއިން އާއްމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، ސްޓެޓިސްޓިކްސް ބިއުރޯގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.