އދގެ އާއްމު މަޖިލީޙުގެ ރައީސްކަމުގެ ދައުރު ނިންމަވާލައްވާއިރު ކުރެއްވެނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހާރިޖީ ސިޔާސަތަކީ ނަމޫނާއެއްކަމުގައި މިއަދު މުޅި ދުނިޔެ ޤަބޫލުކޮށްފިކަމުގެ އިހުސާސްކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެވުނު މަސައްކަތްޕުޅުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވީ ހާއްސަ ބަސްދީގަތުމެއްގައެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއަށް ހިދުމަތެއްކޮށްދެވިއްޖެކަމުގެ އިހުސާސްކުރެވޭކަމަށެވެ. އަދި އދގެ އާއްމު މަޖިލީހުގެ ފެނިގެންދިޔައީ ރާއްޖެއަށް މީގެކުރިން ލިބިފައިނުވާފަދަ ބޮޑު ތަރުހީބެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"އދ.ގެ 193 ޤައުމުގެ މަންދޫބުން ސަފީރުން ތެދުވެވަޑައިގެން ދިވެހިރާއްޖެއަށް އެ ދެއްވި ތަރުހީބު އެއީ އަޅުގަނޑަށް މިހާތަނަށް ފެނިފައި ނުވާވަރުގެ ވަރުގަދަ ތަރުހީބެއް. އދގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި ރާއްޖެއަށް ނިސްބަތްކުރައްވާ އެ ވިދާޅުވި ހެޔޮ ބަސްފުޅުތައް އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑަށް ކުރެވެނީ ވަރަށް އުފާވެރި އިހުސާސްތަކެއް. ދިވެހިރާއްޖެއަށް އަޅުގަނޑަށް ހިދުމަތެއް ކޮށްދެވިއްޖެކަމުގެ އިހުސާސް. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތަކީ ނަމޫނާއެއްކަމުގައި މިއަދު މުޅި ދުނިޔެ ޤަބޫލުކޮށްފިކަމުގެ އިހުސާސް" ޝާހިދު ވިދާޅުވިއެވެ.
Today, #UNGA76 ends. But hope must live on.
— Abdulla Shahid (@abdulla_shahid) September 13, 2022
Guided by our faith in humanity, by our aspirations for a brighter future, by our love for our children and grandchildren, we will succeed.
With courage.
With grace.
With hope. pic.twitter.com/Bw0eWWYIow
ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއާއި ދޭތެރޭގައި ބޭރުގެ ފަރާތްތަކުން އިތުބާރު ބޮޑުކޮށް، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް، ރާއްޖޭގެ ނަން އެއީ ދުނިޔޭގެ ކޮންމެ މީހެއްގެ ދުލު ކުރީގައި އޮންނަ ނަމެއްގެ ގޮތުގައި ހިފެހެއްޓުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތަކާއި އަޅުގަނޑުމެންގެ ރައްޔިތުން ބޭރުގައި އުޅޭއިރު ލިބޭ ފަސޭހަަތައް ހުންނާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މިކަހަލަ ބައިވަރު ކަންތައްތައް ހުންނާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއަދު ދުނިޔޭގެ އެންމެ އުހުގައި ވިހުރޭ، އެންމެ ފަހުރުވެރި އެއް ދިދައަކީ ދިވެހިންގެ ޤައުމީ ދިދަ. އަދި ދުނިޔޭގެ ކޮންމެ މީހަކު އދގެ މަޖިލީހުގެ ކޮންމެ މެމްބަރު ޤައުމެއްގެ ދުލުކުރީގައި އޮތް އެންމެ ވަރުގަދަ ނަމަކީ ދިވެހިރާއްޖެ. ދިވެހިރާއްޖެއަށް އެމީހުން ކުރާ އިހްތިރާމް. އެއީ އަޅުގަނޑުމެންނަށް މި ހޯދުނު ކާމިޔާބީއާމެދު އަޅުގަނޑުމެން ފަހުރުވެރިވާންވީ ޝަރަފެއް" ޝާހިދު ވިދާޅުވިއެވެ.
This Presidency has been a win like no other for my country the Maldives and the Maldives Foreign Service.
— Abdulla Shahid (@abdulla_shahid) September 13, 2022
My team at the @MoFAmv has shown the world, what a small team of highly determined and committed individuals – who refuse to give up hope – can achieve!
މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއިން އދގެ މަޖިލީހަށް ގެންގޮސްދިން އުއްމީދުގެ 5 ދޯދި ހުރިހާ ޤައުމަކުން ބަލައިގެންފައިވާކަމަށެވެ. އަދި އެ ދޯދިތަކުން މުޅި ދުނިޔެ އުޖާލާވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން ކޮންމެ ދުވަހަކު މި ފެންނަ އަލި އުޖާލާކަމުގެ ސަބަބުން ލިބުނު ހިތްހަމަޖެހުމާއި އުޖާލާކަން މުޅި ދުނިޔެއަށް ފެތުރިގެން ހިނގައްޖެ. އިރު އޭގެ ޝުއާއަށް ބުނި އަޑު އިވުނޭ ސިއްރުން ވާށެ ހަވީރާއި ހެނދުނާއި ރީތި މިސާލަށް.. މިއަދު ދުނިޔޭގައި ޖަހަމުންމިދާ ވިންދަކީ އެއީ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިއިރު އެމަނިކުފާނަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ހިތްވަރު ލިބިގެންދިޔަކަމަށެވެ. އަދި އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތުން ލިބިވަޑައިގަތް ކާމިޔާބީއަކީ އެންމެ މީހެއްގެ ކާމިޔާބީއެއް ނޫންކަމަށާއި އެއީ އެތައް ބައެއް ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާއި، މިނިސްޓަރ ޝާހިދު ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.