ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސީމެގްގެ ވަފްދާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ވަފްދެއް އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ކޮމަންވެލްތުން ޒިޔާރަތް ކުރެއްވި ވަފުދާ ހިއްޞާ ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި މިސަރުކާރުގެ މުހިންމު އެއް ލަނޑުދަނޑިއަކީ އިޤްތިޞާދީ ތަރައްޤީކަން ފާހަގަކުރައްވަމުން، ޤައުމު އިޤްތިޞާދީ ގޮތުން ކުރިއަށްދާނީ ޤައުމުގެ ޒުވާނުންނަށް ކުރިއެރުން ލިބިގެންކަމުގައި ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިގޮތުން، މާލެ އާއި ހުޅުމާލެއާ ދެމެދު އެޅިގެންދާ ބްރިޖުގެ ސަބަބުން ކުރިމަގުގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛާ ޢައިޝަތު އާޒިމާ ޝަކޫރުއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.