ޚަބަރު

މެލޭޝިއާގައި މިހާރު ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭނެ


އިތުރު ހުއްދައަކާ ނުލައި މެލޭޝިއާގައި، ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެގޮތް ހަމަޖައްސައިފިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގެ ވަނީ ސޮއިކޮށްފައެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރުމާގުޅޭގޮތުން ރައްޖެއާއި މެލޭޝިއާއާ ދެމެދު ވެފައިވާ އެއް ބަސްވުމުގެ ދަށުން އިތުރު ހުއްދައަކާ ނުލައި ދިވެހި ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭނެ ގޮތް އިއްޔެއިން ފެށިގެން ހަމަޖެހިފައިވާކަމަށެވެ.

މި އެއްބަސްވުމުގެ ދަސުން މެލޭޝިއާގައި ދުއްވަން ހުއްދަކޮށްފައިވަނީ ދިވެހި ލައިސަންސްގެ A0,B1,B2 ގެ ކެޓަގަރީގައި ހިމެނޭ އުޅަނދު ފަހަރަށެވެ. އަދި ދިވެހި ލައިސަންސް ސައްޙަކަން އަންގައިދޭ ލިޔުމެއް ހައިކޮމިޝަނުން ހޯދާކަށް ނުޖެހޭނެކަމަށް އެމްބަސީން ވިދާޅުވެއެވެ.

އެހެންނަމަވެސް ހައިކޮމިޝަނުގެ އާންމު ލިޔުމުގެ ކޮޕީއެއް މެލޭޝިއާގައި ދިވެހި ލައިސަންސް ބޭނުންކުރާއިރު ގެންގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ، އަދި މެލޭޝިއާގެ މަގުތަކުގައި ސައިކަލާއި ކާރު ދުއްވާއިރު މަގުމަތީގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ރައްކާތެރިކަމާއެކީ އުޅނަދު ދުއްވުމަށް ސަމާލުކަން ދިނުމަށް ހައިކޮމިޝަނުން އިލްތިމާސްކުރައްވައެވެ.

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސްވެސް ރާއްޖޭގައި ބޭނުންކުރެވޭނެއެވެ.

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

އެއަށްފަހު މިއަހަރުގެ ތެރޭގައި އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގް އާ ބައްދަލުކުރައްވާވެސް މަޝްވަރާ ކުރެއްވިއެވެ.

މެލޭޝިއާއަކީ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުންއަންނަ ޤައުމެކެވެ. އަދި ތަޢުލީމު ޙާސިލްކުރުމަށާއި، ބޭސްފަރުވާއަށާއި އެނޫންވެސް ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން މެލޭޝިއާއަށް ދަތުރުކުރެއެވެ.