ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ނޭވީ ޗީފްއާ ބައްދަލުކުރުން


 ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ރޮބިން ކުމާރު ދޮވަން އާ ބައްދަލު ކުރައްވައިފިއެވެ.އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ވިޝާކާޕަޓްނަމް އީސްޓަން ނޭވަލް ކޮމާންޑްގައި ބޭއްވުނު މިބައްދަލު ކުރެއްވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށާއި އަދި ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށެވެ. މިބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.ވިޝާކާޕަޓްނަމް، އީސްޓަން ނޭވަލް ކޮމާންޑަށް ޗީފް އޮފް ޑިފެންސް ފޯސް މިއަދު ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ނޭވަލް ޗީފް އޮފް ސްޓާފް އެރުވި ހެނދުނުގެ ސައިފޮދެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވިޝާކާޕަޓްނަމް އީސްޓަން ނޭވަލް ކޮމާންޑްގެ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއި ކުރައްވާފައެވެ.ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ މިމަހުގެ 4 ން 8 ވަނަ ދުވަހަށް އިންޑިއަން ނޭވީގެ ތާރީޚްގައި ބާއްވާ އެންމެ ބޮޑު ފްލީޓް ރިވިއުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މިބައްދަލު ކުރެއްވުމުގައި ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްގެ އިތުރުން، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކާނަލް މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.