ޚަބަރު

އިންޑިއާގެ އެންމެ ބޮޑު ފްލީޓް ރިވިއުގައި ރާއްޖެ ބައިވެރިވެއްޖެ


އިންޑިއަން ނޭވީގެ ތާރީޚްގައި ބާއްވާ އެންމެ ބޮޑު ފްލީޓް ރިވިއުގައި، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެއެވެ. އިންޑިއާގެ ވިޝާކާޕަޓްނަމްގެ ގޮނޑުދޮށުގައި އިއްޔެ ކުރިއަށްދިޔަ އިންޑިއަން ނޭވީސް އިންޓަރނޭޝަނަލް ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ބައްރުތަކުން 51 ޤައުމެއްގެ ނޭވީ ވޯރ ޝިޕްތަކާއި، ސަބްމެރިންތަކާއި، ނޭވަލް އެއާރކްރާފްޓްތައް އަދި ވޯރ ފައިޓަރ ޖެޓްތައް ވަނީ ދައްކާލާފައެވެ. މިގޮތުން އިންޑިއާއިން 75 ވޯރޝިޕް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ހިމެނޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ 24 އިންޓަރނޭޝަނަލް ވޯރޝިޕް ފްލީޓް ރިވިއުގައި ބައިވެރިވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ފްލީޓް ރިވިއުގައި ބައިވެރިވާ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ކޮމާންޑިންގ އޮފިސަރަކަށް ހުންނެވީ ކެޕްޓަން ޙަސަން ސިނާންއެވެ. މިއީ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕެއް ބައިނަލްއަޤްވާމީ މިފަދަ ބޮޑު ފްލީޓް ރިވިއުއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.އިންޑިއަން ނޭވީގެ އިންޓަރނޭޝަނަލް ފްލީޓް ރިވިއު އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހިމް އަދި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކާނަލް މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.