ޚަބަރު

ކައުންސިލާއި ޑަބްލިއުޑީސީތަކުގެ އިންތިޚާބު އަހަރަކު އެއްފަހަރު ބާއްވަން އިސްލާހެއް


ލޯކަލް ކައުންސިލްތަކާއި އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ހޮވާ ގޮޑިތަކަށް ބާއްވާ އިންތިޚާބުތައް އަހަރަކު އެއްފަރު ބާއްވާ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނޫނަށް މިއިސްލާހުތައް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް ކައިރިކަރީގައި ބާއްވަން ޖެހުމަކީ އިލެކްޝަންސް ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

މެމްބަރު ޝަފީގު ހުށަހެޅުއްވި އިސްލާހުގައި ޤާނޫނުގައި މިހާރު ބުނެފައިވާ މުއްދަތަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ. ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނޫނަށް މެމްބަރު ޝަފީގް އިސްލާހު ހުށަހަޅާފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭ ކަމުގައިވާނަމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީޚެއްގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރޮޒޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ހިންގަނީ، އިލެކްޝަންގެ އިރުޝާދުގެ ބެއްލެވުގެ ދަށުން އެއަންހެނުންގެ ކޮމެޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. އިންތިޚާބުތައް ބާއްވާނީ އަންހެނުންގެ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ ކޮންމެ އަހަރަކު އެއްފަހަރު ކަމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެެވެ. ނަމަވެސް ޤާނޫނަށް ގެނެވޭ މިއިސްލާހުތަކާއެކު އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.