ދެކުނުގެ އަތޮޅުތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު އެންމެ ގިނައީ އައްޑޫސިޓީގައި ކަމަށާއި 300 އަށް ވުރެ ގިނަ ކުޑަކުދިން ދެކުނުގެ އަތޮޅުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުގައި ދެކުނުގެ 7 އަތޮޅުގައި 2546 މީހަކު މަސްތުވާތަކެތި ބޭނުން ކުރެއެވެ.
ފުލުހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ނިސްބަތް އެންމެ ގިނައީ އައްޑޫ ސިޓީގައި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި 933 މީހުން މަސްތުވާތަކެތި ބޭނުންކުރެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓްރެފިކް ކުރުމުގައި 403 މީހަކު އުޅެއެވެ. އައްޑޫސިޓީގައި އެންމެ ގިނައިން މަސްތުވާ ތަކެތި ބޭނުން ކުރަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އެގޮތުން މިހާތަނަށް މިއުމުރުފުރާއިން 1847 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ދެން އެންމެ ގިނައީ 31 އަހަރާއިން 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. މި އުމުރުފުރާއިން 1115 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ހިމެނޭ މަސްތުވާތަކެތީގެ 3858 ހާދިސާއެއް ހިނގާފައިވާކަމަށެވެ.
ދެކުނުން ދެވަނައަށް އެންމެ ގިނައިން މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން ތިބީ ފުވައްމުލައް ސިޓީގައެވެ. އެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރާ 422 މީހުން ތިބިއިރު 2015 ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށް އެ ސިޓީއަށް ނިސްބަތްވާ މީހުން ހިމެނޭ މަސްތުވާތަކެތީގެ 1921 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މިސިޓީގައިވެސް މަސްތުވާތަކެތި އެންމެ ގިނައިން ބޭނުން ކުރަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުންނެވެ. އެގޮތުން މި މިއުމުރުފުރާއިން 1079 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު 464 މައްސަލައެއް ރިޕޯޓްކޮށްފައިވަނީ 31 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާއިންނެވެ. ފުވައްމުލައް ސިޓީގައި 202 މީހަކު މަސްތުވާތަކެތި ވިއްކުމުގައި އުޅޭކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެކުނު އަތޮޅުތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ދެން އެންމެ ގިނައީ ގދ. އަތޮޅުގައެވެ. އެއީ 2112 މައްސަލައެވެ. އެ އަތޮޅުގައި އުމުރުން 18 އަހަރާއި 30 އަހަރުގެ 1172 މީހަކު އަދި 40 އަހަރުން ދަށުގެ 559 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ރިޕޯޓުކުރެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 415 މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭއިރު، 238 މީހެއްގެ މައްޗަށް މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެއެވެ.
ގއ. އަތޮޅުގައި 246 މީހަކު މަސްތުވާތަކެތި ބޭނުން ކުރަމުން އަންނައިރު އެއަތޮޅަށް ނިސްބަތްވާ މީހުން ހިމެނޭ 1299 މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. އަދި 164 މީހަކު އަންނަނީ މަސްތުވާތަކެތި ވިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މީގެ އިތުރަށް ލ.އަތޮޅުގައި 266 މީހަކު މަސްތުވާތަކެތި ބޭނުން ކުރަމުން އާދެއެވެ. އަދި އެ އަތޮޅަށް ނިސްބާތްވާ މީހުން ހިމެނޭހެން 1310 މައްސަލައެއް ވޭތުވެދިޔަ 7 އަހަރުދުވަހު ވަނީ ފާހަގަކޮށްފައެވެ.
ތ. އަތޮޅުގައި މަސްތުވާތަކެއްޗާ ގުޅުން ހުރި 1195 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ. އަދި 218 މީހަކު މަސްތުވާތަކެތި ބޭނުން ކުރަމުން އަންނައިރު 145 މީހަކު އަންނަނީ އެ ތަކެތި ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން އަތޮޅު ތަކާ އަޅާ ބަލާއިރު، ދ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަތައް ނިސްބަތުން މަދެވެ. އެ އަތޮޅުގައި މަސްތުވާ ތަކެތި ބޭނުން ކުރާކަމަށް ރިޕޯޓްކޮށްފައިވަނީ 46 މީހެކެވެ. އަދި މައްސަލައިގެ ގޮތުގައި ހިމެނެނީ 189 މައްސަލައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ 23 މީހުންކަމަށް ފުލުހުން ވިދާޅުވެއެވެ. މި އަތޮޅުތަކުގައި އެވްރެޖްކޮށް 6 ބާވަތެއްގެ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން 380 ކުޑަކުދިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ 50 އަހަރުން މަތީގެ 59 މީހުން ހިމެނޭއިރު މަސްތުވާތަކެތި ވިއްކުމުގެ މަސައްކަތުގައި 204 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.