ވިޔަފާރި

މަންޓާ ބައިނަލްއަޤްވާމީ ދަތުރުތަކަށް ތައްޔާރު، ފުރަތަމަ އިންޑިއާއަށް


މަންޓާ އެއަރއިން ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މަންޓާ އެއަރލައިން ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ރާއްޖޭގެ 3 އެއަރޕޯޓަކަށް މަންޓާއިން މިހާރު އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެއީ ދ. ކުޑަހުވަދޫ، ބ.ދަރަވަންދޫ އަދި އައްޑޫ ސިޓީއެވެ. މިމަހުގެ 5 ވަނަ ދުވަހު އެ އެއަރލައިންއިން ވަނީ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްއާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯރަފުށީ އެއަރޕޯޓަށް ޗާޓަރ ދަތުރުތައްވެސް ފަށާފައެވެ.

މަންޓާ އެއަރލައިންއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިއެރުންތަކެއް ހޯދާފައިވާ ލޯކަލް އެއަރލައިންއެކެވެ. އެ އެއަރލައިން އިން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަންޓާ އެއަރގެ ސީއީއޯ މުޙައްމަދު ހަލީލް ވިދާޅުވީ، މަންޓާ އެއަރ އިތުރަށް ފުޅާކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ބައިނަލްއަޤްވާމީ ދަތުރުތައް ފެށިގެންދާނެކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިއުޅެނީ އިންޑިއާއަށް ފުރަތަމަ ސްޓާޓްކުރަންވެގެން. މިހާރު އިންޑިއާގެ ފައިނަލް އެޕްރޫވަލް ޕްރޮސެސްތެރޭގައި އޮތީ. އިންޑިއާގެ ސިވިލް އޭވިއޭޝަނުން ފައިނަލް ވާއިރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑިއާގެ އޮޕަރޭޝަންތައް ފަށާނަން. އިންޑިއާ މާކެޓް ރަނގަޅު ވެއްޖެނަމަ އިންޑިއާގެ އިތުރު ޑެސްޓިނޭޝަންތަކަށްވެސް ދެވޭނެ. ދެން އަދި ބިޔޯންޑް އިންޑިއާއަށްވެސް އަޅުގަނޑުމެން ބަލާނަން." ހަލީލް ވިދާޅުވިއެވެ.

އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ އެހެން މަންޒިލްތަކަށްވެސް މަންޓާ އެއަރގެ ދަތުރުތައް ފެށުމަށް އެ އެއަރލައިންއިން ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ އިތުރުން ލަންކާއަށްވެސް ދަތުރުކުރުމުގެ ލައިސަންސް މަންޓާ އެއަރއަށް ވަނީ ލިބިފައެވެ. މަންޓާ އެއަރގެ ބައިނަލްއަޤްވާމީ ދަތުރުތައް ފަށާއިރު ކެޕޭސިޓީ ބިލްޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާއިން މިވަގުތު ޑޮމެސްޓިކް ދަތުރުތަކަށް އޭޓީއާރުގެ 3 އެއަރކްރާފްޓާއި ބީޗް ކްރާފްޓްގެ ބޯޓެއް އަންނަނީ ބޭނުންކުރަމުންނެވެ. އަދި ސީޕްލޭން 11 އެއަރކްރާފްޓް އަންނަނީ ބޭނުންކުރަމުންނެވެ.

މަންޓާ އެއަރއިން ބުނީ މިއަހަރު ނިމުމުގެ ކުރިން ސީޕްލޭންގެ އަދަދު 15 އެއަރކްރާފްޓަށް ބަދަލުވެގެންދާނެކަމަށެވެ.