ޚަބަރު

އެލްޖީއޭގެ ދައުރަކީ ފިޔަވަޅު އެޅުމަށްވުރެ، ކައުންސިލްތަކަށް ހައްލު ހޯދައިދިނުން: އަފްޝަން


ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދައުރަކީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުންކަށާއި، ފިޔަވަޅު އަޅައި އަދަބު ދިނުމަކީ އެލްޖީއޭއިން ބޭނުންވާ ކަމެއް ނޫންކަމަށް އެލްޖީއޭގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު "ވިއަވެތި" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަފްޝަން ވަނީ އެލްޖީއޭއިން ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ކުރަން ހުރި މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ހައްދުން މަތީ ގައުމުގައި މިއަދު ފެށުނު "ވިއަވެތި" ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ އެއް މަސައްކަތް ކަމުގައެވެ. ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ހުރި ގޮންޖެހުންތަކާއި، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެކި ބައްދަލުވުން ބާއްވަމުންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންކަމަށް އަފްޝަން ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގެ އިސް މޭސްތިރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު. މިނިޒާމު ފުރިހަމަ ކުރުމަކީ އެމަނިކުފާނުގެ ތަސައްވަރެއް. މިއަދު އަޅުގަނޑުމެން މިނިޒާމުގެ ތެރެއިން ގެންނަމުން މިދަނީ އިންގިލާބީ ބަދަލުތަކެއް. ނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ އިސްލާހު ކުރަންޖެހޭ ބައިވަރުކަންކަން އެބަހުރި" އަފްޝަން ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ކައުންސިލްތަކަށް ލިބިދިނުމުގައި އެކި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިއާއުއެކު ބައެއް ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ދަނީ ގެންނަމުންނެވެ. "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ކުރިން ބޭއްވުނު "ފަނޯއްލަ" ދަރުބާރުގައި ކައުންސިލްތަކުން ފާހަގަކުރި ކަންކަމަށް މި ކޮންފަރެންސުގައި ހައްލު ގެނެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އަފްޝަން ވިދާޅުވިއެވެ.

ބްލޮކް ގްރާންޓް ދިނުމުގައި މިހާރު ގެންގުޅޭ ފޯމިއުލާ ބަދަލު ކުރުމާއި، ކައުންސިލްތަކަށް ދުއްވާ ތަކެތީގެ ފީ ލިބޭނެ ގޮތެއް ހަމަޖެއްސުމުގެ އިތުރުން ކައުންސިލްތަކުގެ ކުންފުނި ހެދުމުގެ މަގެއް ފަހި ކުރުމަކީވެސް މުހިންމު ކަމެއްކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ. ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކޮށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މިހާތަނަށް 78 ޓްރޭނިން ޕްރޮގުރާމު އެލްޖީއޭއިން ވަނީ ބާއްވާފައެވެ. މިބައްދަލުވުންތަކުގައި ލޭންޑް ޔޫސް ޕްލޭނާއި، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ކުރުމަށް މަޝްވަރާކުރެވި ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާކަމަށް އަފްޝަން ވިދާޅުވިއެވެ.

އެލްޖީއޭއިން މަސައްކަތް ކުރާނީ ކައުންސިލްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކަމަށާއި، މައްސަލައެއް ދިމާވުމުން ފިޔަވަޅު އެޅުމަކީ އެލްޖީއޭގެ ދައުރެއް ނޫންކަމަށް އަފްޝަން ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަޤްސަދުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެލްޖީއޭއިން ތައްޔާރުކޮށްފައިވާ 7 ފޮތެއް ވަނީ ލޯންޗު ކޮށްދެއްވާފައެވެ. މިފޮތްތައް ލޯންޗު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.