ޚަބަރު

ކައުންސިލްތަކުގެ ޝަކުވާތަކަށް ފުރިހަމަ ހައްލެއް "ވިއަވަތި"އިން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އެއް ވާހަކައެއް އޮވެއެވެ. "ތިމަން މަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަން، މީ ރައްޔިތުންގެ ވެރިކަން" މީ ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެކެވެ.

އެމަނިިފާނުގެ މިވާހަކަތަކަށް ފުންކޮށް ބަލާލާ ނަޒަރު ހިންގާލުން އެ ވިދާޅުވާ ބަސްފުޅުގެ މާނަ ވަރަށް ސާފުކޮށްފެނެއެވެ. މާލޭގައި އޮންނަ މައި ސަރުކާރުން ދިވެހި ހުރިހާ ރައްޔިތުންގެ ކަންކަން ނިންމުމުގެ ބަދަލުގައި އަބަދުވެސް ގެންދަވަނީ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުންނެވެ. އެރަށެއްގެ ރައްޔިތުން ބޭނުންވާގޮތަށް ތަރުތީބުވެގެން އަންނަކަންކަމަށް އިސްކަން ދެއްވަމުންނެވެ. ލާމަރުކަޒީ ނިޒާމު، މި ލަފުޒަކީ ހަމައެކަނި ޤާނޫނެއްގައި ލިޔެވިފައިވާ ލަފުޒެއްގެ ބަދަލުގައި އޭގެ ފުރިހަމަ މާނާގައި އެކަން ހާސިލުކުރުމުގެ މަސައްކަތް ކުރައްވަމުން އެ މަންޒަރުތައް ކުރަހާ ކުލަޖައްސަވަމުން ގެންދަވައެވެ.

ހަމަ ނަމެއްގައި ތިބި ބައެއް

މައި ސަރުކާރު ބޭނުންވާގޮތަށް ރަށުގެ ބޮޑުކަތީބާއި ކުޑަކަތީބު ކަންކަން ނިންމުން އެއީ އެންމެ ކަމުދާ ގޮތް ނޫންކަނަށް ތަހުޒީބީ މުޖުތަމުތަކުގައި އަމަލުކުރަމުން އަންނަ ގޮތަކަށް ބަލައި ދިވެހިންވެސް އެހެން ދިމާލަކަށް އެނބުރުނެވެ. ނަތީޖާއަކަށްވީ ލާމަރުކަޒީ ޤާނުނެއް ވުޖޫދަށް އައިސް ބޮޑުކަތީބާއި ކުޑަ ކަތީބުގެ ޒަމާންވީ ތާރީހު މާޒީއަށް ދޫކޮށްލިތަނެވެ. 2009ވަނަ އަހަރު ރާއްޖޭގެ އިދާރީ ދައިރާތައް ހިންގުމަށް އަތޮޅުވެރިޔާގެ ބަދަލުގައި އަތޮޅު ކައުންސިލް އަދި ކުޑަކަތީބާއި ބޮޑު ކަތީބުގެ ބަދަލުގައި ރަށު ކައުންސިލަތައް އުފެދިގެން ދިޔައެވެ.

އެހެންނަމަވެސް މިހާތަނަށްވެސް މީ ނަމެއްގައި އޮތް ބައެކެވެ. "މޮހޮނަަށް އޮޑި ދިން" އުސޫލުން އޮތް ތަންތަނެވެ. ރަށު ރައްޔިތުން އެދޭކަމެއް ކުރަންވެސް ޖެހެނީ ވަޒީރުންނަށް އާދޭސް ދަންނަވާށެވެ. ރަށު ރައްޔިތުން އުފައްދާ ތަކެތި ވިއްކާލަން ތަނެއް ހަދަންވެސް ޖެހެނީ މައި ސަރުކާރުން އާ ބަސް ބުނަދެން މަޑުކުރާށެވެ. ނަތީޖާއަކަށްވީ ކައުންސިލަރުންނަކީ ހަމައެކަނި ކޮންމެ ދުވަހަކު އޮފީސް ހުޅުވާ ގޮނޑި ހޫނުކުރަން ތިބި ބަޔަކަށްވުމެވެ. ކައުންސިލުތަކަކީ އެއްވެސް ބާރެއް އާރެއް ނެތްތަނެކެވެ. މައި ސާރުކާރު ބޭނުންވާ ގޮތަށް ހަމަ ކަންކުރަންޖެހޭ ބައެކެވެ.

ރައީސް މުހައްމދު ނަޝީދުގެ ވެރިކަމުގައި ލާމަރުކަޒު ކުރަން ފެށި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރުވެސް މި ނިޒާމު ފުރިހަމައަށް ހިނގާގަންތނެއް ނުފެނެއެވެ. ދެން ޖެހިގެން އައި ދައުރު ކައުންސިލްތަކަށް މާ ގޯހެވެ. ސަރުކާރާއު އެއްކޮޅު ކައުންސިލަކަށް އޮތީ ސަރުކާރަށް ތައުރީފުކޮށް ބަޔާންނެރުމެވެ. ދެކޮޅު ކައުންސިލަކަށް އޮތީ ސަރުކާރާއި ދެކޮޅަށް އެއްޗެއް ބުނުމުން ސަސްޕެންޝަންގައި ތިބުމެވެ.

ދެން ފެށުނީ މާ އުފާވެރި ދައުރެއް

2018ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިއްކެވީ "ލާމަރުކަޒީ ނިޒާމް" އެވެ. މިދައުރުގައިވެސް ކަންތައް ވާނީ 2008 ވަނަ އަހަރުން ފެށިގެން ކަންތައް ވަމުން އައި ގޮތަށްކަމަށް ރައްޔިތުން ހީކުރިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވީ އެހެން ނުވާނެކަމުގެ ޔަޤީންކަމެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ތަކުރާރުކުރެއްވީ އެއްކަލަ ވާހަކައެވެ. އަތޮޅުތެރޭގެ ދަރިއަކަށްވެހުރެ އަތޮޅުތައް ރާއްޖޭގެ ޗާޓުން ނެތިގެން ނުދާނެކަމުގެ ޔަގީންކަންކަމުގެ ވާހަކައެވެ.

އެމަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ޤާނޫނު އިޞްލާޙް ކުރުމުގެ ވަޢުދު ފުރިހަމަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމަށް ހުށަހެޅުއްވިއެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ވެސް ކައުންސިލްތަކުގެ ބެލުމުގެ ދަށުންކަމަށް ޤާނޫނުގައި ލިޔެވުނެވެ. އާބާދީ ނިސްބަތުން މެމްބަރުންގެ އަދަދު ކަނޑައަޅާ ގޮތަށް ބަދަލު ގެންނެވިއެވެ. ކައުންސިލްތަކުގެ އިހްތިސާސް ހިނގާނެ ސަރަހައްދުތައް ކަނޑައެޅުނެވެ. ކައުންސިލްތަކުގައި އަންހެނުން ދައުރު ފުޅާކުރަންވެސް ޚާއްސަ ބާބެއް ލިޔެވުނެވެ. އަންހެނުންގެ ކޮމެޓީތަކަށްވެސް މުސާރަ ކަނޑައެޅި ކައުންސިލްތަކުގެ ހިންގުމުގެ ހޯސްޕަވަރު އިތުރުކޮށްލާ ބާރު ސްޕީޑްގައި ދުއްވަން ފެށިއެވެ.

ރައީސްގެ ފޯމިއުލާއަކީ ކޮބާ؟

ކައުންސިލްތައް ހިންގުމުގައި ރައީސްއަށް ޖަމާވެފައިވާ ބާރުތައް ދޫކޮށްލެވުމެވެ. އެކަމުގެ ކެރުމާ ހިތްވަރެވެ. ލާމަރުކަޒީ އުސޫލުގެ ހަޤީޤީ ފޮނިމީރުކަން ރައްޔިތުންނަށް ލިބިދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްތައް ބަހާލުމަށް ރައީސް ނިންމެވިއެވެ.

2019 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނެވިއެވެ. އެގޮތުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޒުކުރުމުގެ އިޚްތިޔާރާއި އަމިއްލަ ބަޖެޓާއި، މާލީ މުއާމަލާތުން އާމްދަނީ އުފެއްދޭނެ ފުރުސަތު ކައުންސިލްތައް ހޯއްދަވައިދެއްވިއެވެ. އަދި ފަސްމިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގުމަށާއި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބަލަހައްޓައި، އެ މަޝްރޫޢުތައް ވިލަރެސް ކުރުން ހިމެނެއެވެ. މިކަންކަން ޤާނޫނުގައި ލިޔުއްވާ، ޤާނޫނު ތަންފީޒުކުރައްވަން ފެއްޓެވިއެވެ.

މާލެ ފިޔަވައި އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ސިޓީ ކައުންސިލްގެ މޭޔަރު ޢަލީ ނިޒާރު ސިފަކުރައްވަނީ މިހެންނެވެ.
"މިސަރުކާރު އައި ފަހުން މިގެނައި ބަދަލު އެއީ އެންމެ ރަނގަޅު ބަދަލު. އެ ބަދަލާއެކު އަޅުގަނޑުމެންނަށް މާލީގޮތުން ލުޔެއް ލިބިގެން ގޮއްސި. ދައުލަތުގެ ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް މި ލިބޭ ގްރާންޓުގެ ސަބަބުން ރިކަރަންޓު ޚަރަދު ކަވަރުކުރެވޭ ވަރު އައްޑޫ ސިޓީ ކައުންސިލަށްވެސް އެބަވޭ. ކައުންސިލްގެ އާމްދަނީ އިތުކުރެވޭނެ ގޮތްތައް (ރައީސް) އެބަ ހޯއްދަވާ. ބައެއް ކުލިތަކާ ބައެއް ފީތަކަކީ ކައުންސިލްތަކަށް ލިބޭ އެއްޗެއްގެ ގޮތުގައި ޤާނޫނަށް ބަދަލުތަކެއް ގެނެވިއްޖެ" ޢަލީ ނިޒާރު ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ހަމައެކަނި މިއެއް ނޫނެވެ. ކައުންސިލްތަކަކީ ސަރުކާރުގެ މުހިންމު "ބޮޑީ" އަކަށް ހެދުމަށް ރައީސް ޞާލިހުގެ ސިޔާސަތުތައް ބައްޓަންކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކުން ސީދާ ރައީސް އަރިހަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅޭނެ ގޮތް ހެއްދެވިއެވެ. މިގޮތުން ކައުންސިލްތަކުން ރައީސްއާ ބައްދަލުކުރައްވަން ވަޑައިގަންނަވާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކާ ނުވެ ހުރި ކަންކަމުގެ "ލިސްޓު" ގެންނެވުމަށް ރައީސް އިރުޝާދު ދެއްވައެވެ. އަދި އެކަންކަމަށް ހައްލު ހޯދާނެ މަގުތައްވެސް ރައީސް ދައްކަވައިދެއްވިއެވެ.

ރައީސް ޞާލިހުގެ އަމާޒަކީ "ރައްޔިތުންގެ ވެރިކަމެއް" ކުރެއްވުމެވެ. ރައްޔިތުންގެ ވެރިކަމެއް ކުރެއްވުމަށް ކައުންސިލްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ހޭދަކުރައްވާ ވަގުތުތައް އިތުރުކުރެއްވިއެވެ. އަހަރުގެ ގިނަ ދުވަސްތައް ރައީސް ހޭދަކުރައްވަމުން އެގެންދަވަނީ ރަށްރަށުގެ ކައުންސިލްތަކާ ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގައެވެ. ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރެއްވުމުގެ އިތުރަށް ހުރިހާ ކައުންސިލްތައް އެއްމޭޒެއްގެ ދޮށަށް ގެންނަވާ މަޝްވަރާޔާ ޚިޔާލުތަކަށްޓަކައި "ވިޔަވަތި" ފެއްޓެވިއެވެ. އެގޮތުން ހިނގަމުން މިދާ 2022 ވަނަ އަހަރުގެ ކުރީކޮޅުގައްޔާއި އަހަރުގެ ފަހުކޮޅު "ވިޔަވަތި" ސިލްސިލާގެ މަހާސިންތާ ބޭއްވެވިއެވެ.


ކައުންސިލްތައް ސަރުކާރާއި އެކު އެއްމޭޒަށް

ރައީސްގެ އިސްނެންގެވުމަށް ކުރިއަށް ގެންދަވާ ވިޔަވަތި ކޮންފަރެންސް މިހާތަނަށް ފެންނަނީ ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތަކަށް ފުރިހަމަ ހައްލެއް ގެނެސްދޭ މަޝްވަރާތަކަކަށެވެ. އެކަން ހެކިދެނީ އއ.އުކުޅަހުގައި ބޭއްވި ކޮންފަރެންސްއިންނެވެ. ކައުންސިލްތަކަށް ޤާނޫނުން ލާޒިމްކުރި ލޭންޑު ޔޫސް ޕްލޭން އެކުލަވާލުމަށް ހައްލު އެ ކޮންފަރެންސްއިން ލިބުނެނެވެ. ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު, ގްރީން ޓެކުހުން ލިބޭ އާމްދަނީ ރަށްރަށް ލިބޭނެ ގޮތް އެ ކޮންފަރެންސްގައި ރައީސް ހޯއްދަވައިދެއްވިއެވެ. އަތޮޅު ފިހާރަތުން ލިބޭ އާމްދަނީ އަތޮޅު ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކޮށްދެއްވަން ނިންމަވާ އެކަން ކުރައްވައިފިއެވެ. މިއީ ވިޔަވަތިން ނުކުތް ބޮޑެތި ނަތީޖާތަކެވެ. ރައީސް ވަނީ ކުރިއަށް އޮތް އަހަރު ކައުންސިލްތަކަށް އޮތް މާލީ ދަތިކަން ހައްލުކުރުމަށް, ބަޖެޓަށް ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަންވެސް އެ ކޮންފަރެންސްއިން ދެއްވާފައެވެ.

ވުމާއެކު މިފަހަރު ލ.ގަމުގައި ބާއްވާ ކޮންފަރެންސްއިންވެސް ރަނގަޅު ނަތީޖާތަކަކަށް ކައުންސިލްތަކުން އުއްމީދު ކުރެއެވެ.
ގަމުގަ ބާއްވާ ވިއަވަތި ކޮންފަރެންސްއަކީ ދ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ. ވިޔަވަތި ސިލްސިލާގެ މިފަހަރުގެ ކޮންފަރެންސާ ގުޅޭގޮތުން ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. "މި މަހާސިންތީ ނިމިގެންދާއިރު ވަރަށް ގިނަ ކައުންސިލްތަކަށް އެ ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެލް.ޔޫ.ޕީ (ލޭންޑް ޔޫޒް ޕްލޭން) އަދި މަސައްކަތްކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުންނާ އެކަން ކުރެވޭނެ ހުރިހާ މައުލޫމާތަކާއި ހުރިހާ ކަންކަމެއް ފަހިވެގެންދާނެކަމަށް ޤަބޫލުކުރަން"

ލ.މާބައިދޫ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވީ ރައީސް ޞާލިޙާއި ލާމަރުކަޒީ ނިޒާމާ އޮތް ގާތްކަމެވެ.
"މިފުރުސަގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ޝުކުރު އަދާކުރަން ބޭނުން. އެއީ މީގެ ކުރިން ސަރުކާރުތަކުގައި މިކަހަލަ ގޮތަކަށް މިކަހަލަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާކަމަކަށް ފާހަގައެއް ނުކުރެވޭ. މިކަހަލަ ބައްދަލުވުންތަކަކީ އަސްލު ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްރަށުގައި ތިބި ވެރިންގެ ކަންބޮޑުވުންތަކާ ވެރިން ކުރާ މަސައްކަތުގައި ދިމާވާ ދަތިތައް ސީދާ ރައީސްއަށް ހުށަހަޅާ އެކަންކަމުގެ ހައްލު ހޯދަން ލިބޭ ޕްލެޓް ފޯމެއް" ވިޔަވަތި ސިލްސިލާގެ ދަށުން ލ އަތޮޅުގައި ފެށުނު ކޮންފަރެންސާ ގުޅޭގޮތުން ލ.މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ޚިޔާލު ފާޅުކުރެއްވިއެވެ.


ކުޑަރަށެއް ބޮޑުރަށެއް ވެރިރަށެއް އަތޮޅުތެރެއެއް ސިޓީއެއް އަތޮޅު ކައުންސިލެއް ތަފާތު ކުރެއްވުމެއްނެތި ރައީސް ޞާލިހު މަސައްކަތްކުރައްވަނީ ރައްޔިތުންގެ މަސްލަޙަތަށެވެ. ސަބަބަކީ މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއްކަމަށް ރައީސް ޞާލިހު ސިފަކުރައްވާތީއެވެ.

ލާމަރުކަޒީ ރާއްޖެއަށް ހަޤީޤީ އުފާވެރިކަން އަދި ކިރިޔާ ފެންނަން ފެށީއެވެ. މިކަމުގެ މޭސްތިރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. ރަށު ބަންދުން ވީއްލި އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަރައިދާނެ މަގު ރައީސް ދެއްކެވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިންނެވެ. އެކަމަށްޓަކާ ސަރުކާރަށް ޖަމާވެފައިވާ ބާރުތައް ދޫކޮށްލައްވާ ކައުންސިލަތަކަށް އެ ބާރު ދެއްވީއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރަނގަޅަށެވެ. ހަގީގީ ތަރައްގީއަށް ވާސިލްވެވޭނީ "ލާމަރުކަޒީ ރާއްޖެއެއް" ބިނާކުރެވިގެންނެވެ.