ޚަބަރު

ހޯރަފުށީ މަގުތަކުގައި މިމަހު ފަހު ހަފްތާގައި ތާރު އަޅަން ފަށަނީ


ހޯރަފުށީ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިމަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ހޯރަފުށީ މަގުތަކުގައި ތާރުއަޅަން ފުރަތަމަ ޕްލޭން ކުރީ މިއަހަރު ޖުލައި މަހުއެވެ. ނަމަވެސް މަސައްކަތް ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށް އެމްޓީސީސީން ބުނެއެވެ.

ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8ވަނަ ދުވަހުއެވެ. މިއީ ހޯރަފުށީގައި މިހާތަނަށް ކުރިއަށްގެންދާ މަގުހެދުމުގެ ފުރަތަމަ މަޝްރޫއެވެ. ހޯރަފުށީގެ ކައުންސިލުން ފާހަގަކުރާ ގޮތުގައި، މަގުހެދުމުގެ މަސައްކަތަކީ ރަށަށް މިވަގުތު ބޭނުންވާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫއެވެ.

2000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހޯރަފުއްޓަކީ ބިމުގެ ގޮތުންވެސް ބޮޑު ރަށެކެވެ. 74 ހެކްޓަރުގެ ހޯރަފުށީގެ ބޮޑު ސަރަޙައްދެއްގައި އޮތީ މީހުން އާބާދުވެފައެވެ. ރަށުގެ މަގުތަކަކީ އަޑިގުޑަން މަގުތަކެކެވެ. އަދި ވިއްސާރައިގައި ފެންބޮޑުވުމާއި، ފެންނުހިނދި މަގުތައް ޗަކަވެ އޭގެ ދަތިކަންވެސް ކުރިމަތިވެއެވެ.

މަގުހެދުމުގެ މަސައްކަތުގެ ދަށުން، ތާރުއަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވަނީ ނިމިފައެވެ. އެގޮތުން ކޭބަލް އަދި ޔުޓީލިޓީ ޖަންކްޝަންތައް ހެދުމާއި، ކާސްޓިން މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިއަހަރުގެ ޖުލައި މަހުގެ ފަހު ހަފްތާގައި ތާރު އަޅަން ފެށުމަށެވެ. ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން މަސައްކަތް ފަސްކުރަން ޖެހުނީކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން މިހާރު ބުނެފައިވަނީ، މިމަހުގެ ފަހު ހަފްތާގައި ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
އަދި އެކަމަށް ބޭނުންވާ ސާމާނުވެސް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

މި ޕްރޮޖެކްޓްގައި 5.3 ކިލޯމީޓަރުގެ މަގު އަންނަނީ ތަރައްޤީކުރަމުންނެވެ. މީގެތެރޭގައި 11 މަގެއް ހިމެނޭއިރު، ރަށުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ. މިއީ އާއްމު ޚިދުމަތްތައް ރަށުގައި ޤާއިމުވެފައި ހުރި މަގުތަކެވެ.

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގައި މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.