ކުޅިވަރު

ހިންނަވަރު ބަލިކޮށް ޗެލްސީން ތަށި ދިފާއުކޮށްފި


ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ހިންނަވަރު ސްޕޯޓްސް ކުލަބު ބަލިކޮށް ނައިފަރު ޗެލްސީ އެފްސީން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ނައިފަރު ޗެލްސީން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ޝަރަފުވެރި މެހުމާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ހުކުރު ދުވަހު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިޝާމެވެ. މި ލަނޑަށްފަހުވެސް ޗެލްސީން ވަނީ ހިންނަވަރުގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޗެލްސީގެ އުޝާމަށްވެސް ވަނީ ލަނޑު ޖަހަން އިތުރު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ހިންނަވަރުން ވަނީ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ހިންނަވަރުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި ކެޕްޓަން ވިޖާޒް އީސާ (ވިޖޫ) އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެކަމަކު މެޗުގެ 77 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުޙައްމަދު ނަޝީދެވެ. މިއީ ހިންނަވަރުގެ ޑިފެންޑަރު އަޙްމަދު އަބްދުﷲ (ލިލީ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނަޝީދު ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ނަޝީދު ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ހިންނަވަރުގެ ލިލ، ޗެލްސީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ނަޝީދު ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ.

މެޗުގެ އިތުރު ވަގުތުގައި ހިންނަވަރަށް އެ ޓީމުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. އެކަމަކު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޗެލްސީން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ނަޝީދެވެ. އެކަމަކު މެޗުގެ 98 ވަނަ މިނެޓުގައި ނަސީރު ވަނީ ހިންނަވަރަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ނައިފަރު ޗެލްސީގެ ކޯޗު އަބްދުﷲ ހަސަން ބުނީ މި މެޗަށް ނުކުތީ ތަށި ދިފާއުކުރުމަށް ކަމަށާއި، މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތަށް މިއަށްވުރެ ރަނގަޅަށް ތައްޔާރުވެގެން އަންނާނެ ކަމަށްވެސް އަބްދުﷲ ހަސަން ބުންޏެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ހިންނަވަރުގެ ކެޕްޓަން ވިޖޫއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީގެ ކޯޗު އަބްދުﷲ ހަސަނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މީގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވަނީ އޭނާގެ ވިޔަފާރި ޗަމްޕާ ބްރަދާސްގެ ނަމުގައި ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދީފައެވެ.