އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ފައިނަލް މެޗުގައި ނައިފަރު ޗެލްސީ އެފްސީއާ ދެކޮޅަށް ނުކުންނައިރު، ތަށި ނުލިބުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިންނަވަރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. 
މި ދެ ޓީމު ކުޅުނު ލީގު ބުރުގެ މެޗު ހިންނަވަރުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މި ދެ ޓީމުވެސް ފައިނަލަށް ދަތުރުކުރީ ވަރުގަދަ އޭދަފުށި ބަލިކުރުމަށްފަހުގައެވެ. 
"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ހިންނަވަރު ޓީމުގެ ކޯޗު ނަޒީހު ބުނީ ފައިނަލް މެޗަށް ނުކުންނައިރު ލީގު ބުރުގައި މޮޅުވުފައި އޮތުމުން ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި މެޗުގައި ނަތީޖާ ނެރުމަށް ކުޅުންތެރިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ބުންޏެވެ. 
ނަޒީހު ބުނީ ފައިނަލް މެޗަށް ނުކުންނައިރު ހިންނަވަރު ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހުރުން އެއީ ޓީމަށް ލިބޭ ފައިދާއެއް ކަމަށެވެ. އަދި ހިންނަވަރަށް މުބާރާތުގެ ތަށި ނޫން އެއްޗެއް މުހިންމު ނޫން ކަމަށްވެސް ނަޒީހު ބުންޏެވެ. 
މި މެޗުގެ ކުރިން ވާހަކަ ދައްކަމުން ނައިފަރު ޗެލްސީގެ ކޯޗު އަބްދުﷲ ހަސަން ބުނީ ޗެލްސީން މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ހިންނަވަރަކީ މި މުބާރާތުގައި އެންމެ ފޯމުގައި އޮތް ޓީމުކަން ދަންނާނެ ކަމަށާއި، އެކަމަކު އޭނާގެ ޓީމުން ތަށި ހޯދަން ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ. 
އަބްދުﷲ ހަސަން ބުނީ ހިންނަވަރު ކަހަލަ ޓީމެއް ބަލިކުރެވޭނީ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެގެން ކަމަށާއި، އެހެންކަމުން އޭނާގެ ޓީމުން އެކަން ކުރާނެކަމަށެވެ. އަދި ސަޕޯޓަރުންގެ އަރިހުން ސަޕޯޓުކޮށްދިނުމަށް އަބްދުﷲ ހަސަން ވަނީ އެދިފައެވެ. 
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނައިފަރު ޗެލްސީއެވެ. އެ ފަހަރުވެސް ފައިނަލުގައި ކުޅެފައިވަނީ މި ދެ ޓީމެވެ. 
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފައިވާއިރު، ރަނަރަޕް ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. 
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ. އެ މެޗު "ޔެސް ޓީވީ" އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.