ވިޔަފާރި

ދުނިޔޭގެ ފުރަތަމަ ލަގްޝަރީ އެއަރލައިން ޔޫއޭއީ ކުންފުންޏަކާއި ގުޅިގެން ސިމްޑީން ތަޢާރަފް ކުރަނީ


ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ދުނިޔޭގެ ފުރަތަމަ ލަގްޝަރީ އެއަރލައިން ތަޢާރަފްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގެ ފުރަތަމަ ލަގްޝަރީ ދަތުރުތަކަށް ޚާއްސަ މި އެއަރލައިން ފެށުމާއި ގުޅޭ އެއްބަސްވުމުގައި އަރަބެސްކް އަދި ސިމްޑީ ގްރޫޕުން މިހާރުވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭއިރު، މިއީ ހޮސްޕިޓަލިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދުނިޔޭގެ އިތުރުން ރާއްޖޭގައިވެސް މަތީފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެށި މަސައްކަތެއް ކަމަށް ސިމްޑީން ބުނެއެވެ.

އެއަރލައިން ފެށުމާއި ގުޅޭގޮތުން ސިމްޑީ ގްރޫޕުގެ މޭނެޖިންގް ޑިރެކްޓަރ މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ދިވެހި ރާއްޖެއިން ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިނެއް ތަޢާރަފް ކުރާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން މިމަސައްކަތް ކުރިއަށްދާއިރު، އެކުންފުންޏަކީ ލުފްތަންސާ އަދި ޤަތަރު ފަދަ އެއަރލައިންތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަޤާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ކަމަށް ސިމްޑީން ބުނެއެވެ. މިމަސައްކަތާއި ގުޅޭގޮތުން އައު އެއަރލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ ދުނިޔޭގެ ފުރަތަމަ ލަގްޝަރީ އެއަރލައިނަކީ ރާއްޖެއަށް ނިސްބަތްވާ އެއަރލައިނަކަށް ވުމުން ފަޚުރުވެރިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް މިމަސައްކަތުގައި މުޢައްސަސާތަކާއި ވަރަށް ގާތުން މަސައްކަތް ކުރެވެމުންދާއިރު، އުއްމީދަކީ ވީހާވެސް ގިނަ މަންޒިލް ހަމަޖެހި ދަތުރުތައް ފެށިގެން ދިއުން ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އިދާރާތަކުން ލިބެމުންދާ އެއްބާރުލުމަށް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕުން ދުނިޔޭގެ ފުރަތަމަ ލަގްޝަރީ ދަތުރުތަކަށް ޚާއްސަ އެއަރލައިން ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ފާއިތުވި 25 އަހަރު އެކުންފުނިން މަސައްކަތް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ޕްރޮޑަކްޓުތަކެއް ގެނެސްދީ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.