ވިޔަފާރި

ކޯވިޑް-19އަށް ފަހު ބޭއްވި ފުރަތަމަ އައިއެމްޓީއެމް ކާމިޔާބު!


2 އަހަރަށްފަހު އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް، އައިއެމްޓީއެމް ބާއްވާފައިވާއިރު ފެއަރ ކާމިޔާބުކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ. މިއީ އައިއެމްޓީއެމްގެ ފަސް ވަނަ ފެއަރއެވެ. ކޯވިޑް-19އާ ގުޅިގެން މި ވޭތުވެދިޔަ 2 އަހަރު މި ފެއަރ ބާއްވާފައިވަނީ އޮންލައިންކޮށެވެ.

"އައިއެމްޓީއެމް"އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ފެއަރއެކެވެ. މިފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިއެމްޓީއެމްގެ ކޮންޓެންޓް ރައިޓަރ ލައިޝާ ފަހުދު ވިދާޅުވީ، މި ފެއަރގެ މަޤްސަދަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްއަށް ގިނަ ފުރުސަތުތައް ގެނެސްދީ ރާއްޖެ މައިސް ޑެސްޓިނޭޝަންއެއްގެ ގޮތައް ޕްރޮމޯޓްކުރުންކަމަށެވެ. އަދި ފެއަރގެ ތެރެއިން އިންބައުން އަދި އައުޓްބައުންޑް ޓޫރިޒަމް ޕްރޮމޯޓްކުރެވިގެން ހިނގައްޖެކަމަށާއި ބޭރުގެ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތައް ބައްދަލުވެ ނެޓްވޯކް ކުރެވި ފަތުރުވެރިކަމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ މިއަހަރު ފިޒިކަލީ ބޭއްވުނީމަ. އަޅުގަނޑުމެން މިދިޔަ 2 އަހަރު ވަރޗުއަލްކޮށް އަޅުގަނޑުމެންގެ އޮންލައިން ޕްލެޓްފޯމްއެއްގައި. މިއަހަރު ވަރަށް އުންމީޑުކޮށްގެން މި ބޭއްވީ ފިޒިކަލީ ފެއަރ. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވަނީ ވަރަށް ރަނގަޅު ފީޑްބެކް. ހުރިހާ ޕާޓިސިޕެންޓްސްވެސް ބުނަނީ ވަރަށް ޕްރޮޑަކްޓިވް ފެއަރއެކޭ. އަދި ވަރަށް ރަނގަޅު ކުންފުނިތައް ފެއަރގައި ބައިވެރިވެފައިވެޔޭ. އެ ބޭފުޅުންނަށް ޑިރެކްޓްލީ ބައްދަލުކުރެވުނީމަ ވަރަށް ގިނަ ފުރުސަތުތައް ލިބިގެންދިޔަކަމަށް ބުނެފައިވަނީ،" ލައިޝާ ވިދާޅުވިއެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއަރގައި ބޭރުގެ 17 ޤައުމެއްގެ 36 ކުންފުންޏަކުން ބައިވެރިވެއެވެ. އަދި ރާއްޖޭގެ ރިސޯޓް، ގެސްޓުހައުސް، ހޮޓެލް، ސަފާރީތައް ހިމެނޭހެން 100 ކުންފުންޏަކުން ބައިވެރިވެއެވެ. ފެއަރގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ މި ފެއަރއަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށެވެ. އަދި މިއީ ކާމިޔާބު ފެއަރއެއްކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް ނުވަތަ އައިއެމްޓީއެމްގެ މިއަހަރުގެ ޝިއާރަކީ "އައު ޚިޔާލުތަކާއި ބަދަލުތަކާއެކު ވިލުންވެރި ފަތުރުވެރިކަމަކަށް" މިޝިއާރެވެ. މިއަހަރުގެ އައިއެމްޓީއެމް ފެއަރ ކުރިއަށްދިޔައީ މިމަހުގެ 7 އިން 8 އަށް މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ.