މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ނޭޕާލުގައި ކުރިއަށްދާ މި މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ބަންގްލަދޭޝްއިން ވަނީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ލީޑުވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަބީނާ ޚަތުންއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބަންގްލަދޭޝްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަސުރާ ޕަރްވިންއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސަބީނާއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ބަންގްލަދޭޝްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެކަމަކު ރާއްޖޭން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި ރާއްޖޭން މި މަހުގެ 10 ވަނަ ދުވަހު ނުކުންނާނީ ވަރުގަދަ އިންޑިއާ އާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.