ކުޅިވަރު

ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ހިންނަވަރު ފައިނަލަށް


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލަށް ހިންނަވަރު ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ތިންވަނަ މެޗު ހިންނަވަރުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުން އޭދަފުށި ބަލިކޮށްގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން އޭދަފުށިން ވަނީ ހިންނަވަރުގެ ހާފަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެއާއެކު މެޗުގެ 23 ވަނަ މިނެޓުގައި އޭދަފުށިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭދަފުށިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސުހައިލް (ބަމްޕުޗް) އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ހިންނަވަރުން ވަނީ ކުޅުން ރަނގަޅުކޮށް އޭދަފުށީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެއާއެކު މެޗުގެ 62 ވަނަ މިނެޓުގައި ހިންނަވަރުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ހިންނަވަރު ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޒިޔާނެވެ. އަދި އޭގެ ތިިން މިނެޓު ފަހުން ވިޖާޒް އީސަ (ވިޖޫ) ވަނީ އިތުރު ލަނޑެއް ޖަހައި ހިންނަވަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ލަނޑަށްފަހުވެސް ހިންނަވަރަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ހިންނަވަރު ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިޖޫއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައިވުމުން ވަނީ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ހިންނަވަރުން ކުރިހޯދީ 6-7 ގެ ނަތީޖާއަކުންނެވެ. ހިންނަވަރު ޓީމުން ޕެނަލްޓީ ނާކާމިޔާބުވީ ވިޖޫގެއެވެ.

އަދި އޭދަފުށީގެ މުޙައްމަދު ޝާން ފޮނުވާލި ޕެނަލްޓީ އާއި އަޙްމަދު ޖައުޝަން ފޮނުވާލި ޕެނަލްޓީ ހިންނަވަރުގެ ގޯލްކީޕަރު ހުސައިން ހާފިޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ހިންނަވަރު ޓީމުގެ ކޯޗު މުޙައްމަދު ނަޒީހް ބުނީ އޭދަފުށި ކަހަލަ ޓީމެއް އަތުން ފަހަތުން އަރައި މޮޅުވުމަށް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި މިއީ މުޅި ހިންނަވަރު ޓީމުން ސަޕޯޓަރުންނަށް ދިން ހަދިޔާއެއްކަން ނަޒީހު ވަނީ ފާހަގަކޮށްފައެވެ.

މި މެޗުން ހިންނަވަރު މޮޅުވިއިރު، މި ދެ ޓީމުން ލީގު ބުރުގައި ކުޅުނު މެޗުން އޭދަފުށިން ވަނީ ހިންނަވަރު ބަލިކޮށްފައެވެ. އެ މެޗު އޭދަފުށިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ހިންނަވަރުން ފައިނަލުގައި ވާދަކުރަން ޖެހޭނީ ސެމީ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި، އެންމެ ފަހުގެ ޗެމްޕިއަން ނައިފަަރު ޗެލްސީ އެފްސީއާއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކޮށްފަނީ މި ދެ ޓީމެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރެވެ. އެ މެޗު “ޔެސް ޓީވީ” އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.