އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވި ނަމަވެސް، ދިވެހި ޓީމުން މޮޅު ކުޅުމެއް ދައްކައިފިއެވެ.
ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ދެވަނަ ބުރުގައި ކުރިއަށްދާނީ ގްރޫޕުން ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ފަސްވަނައިން ފެށިގެން އަށްވަނައަށް ރޭންކް ކުރެވިފައިވާ މެޗުތަކެވެ. އަދި ފުރަތަމަ ބުރުގައި ގްރޫޕުން އެއްވަނަ ހޯދި ހަތަރު ޓީމު ވާދަކުރާނީ ފައިނަލް ބުރުގައެވެ.
ފިލިޕީންސްއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 18 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 59 ޕޮއިންޓް 41 ޕޮއިންޓުންނެވެ. މި މެޗުގައި ދިވެހި ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، ފިލިޕީންސް ވަނީ ތަޖުރިބާގެ ބޭނުން ހިފާ ދިވެހި ޓީމު ކައިރިން މޮޅަށް ކުޅެފައެވެ.
ދެވަނަ ބުރުގައި ރާއްޖެއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ގައުމުތަކަކީ ފިލިޕީންސް އާއި ބުރުނާއީއެވެ. މި ގްރޫޕުގައި ހިމެނުނު ތައިލެންޑް ވަނީ މުބާރާތުން ވަކިވާން ނިންމާފައެވެ. އެއާއެކު މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާއެކު ތިން ޓީމު ހިމެނޭ ގްރޫޕުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރު ބައްދަލުކުރާނެއެވެ. އަދި އެ މެޗުތަކަށްފަހު ތާވަލު އެތުރިފައިވާ ގޮތުން ފަސްވަނަ ޓީމުން ފެށިގެން ހަތްވަނަ ޓީމަށް ރޭންކު ކުރެވޭނެއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އޭގެ ފަހުން ހުކުރު ދުވަހު އަނެއްކާވެސް ފިލިޕީންސްއާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި އާދިއްތަ ދުވަހުގެ ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ.
ރާއްޖެއިން ވަނީ މި މުބާރާތަށް ކަނޑައެޅި ޓާގެޓު ކަމަށްވާ އޭޝިއަން އިންޑޯ ގޭމްސްގެ ގަދަ އަށް ޓީމްގެ ތެރޭގައި ހިމެނިފައެވެ. އެއާއެކު މިއީ ފަހުގެ ތާޜީހެއްގައި ނެޓްބޯޅައިން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.