ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޫނު ޒޯނުގެ ގުރު ނަގައިފިއެވެ.
މުބާރާތުގެ ނޫނު ޒޯނުގައި ވާދަކުރަނީ ހަ ޓީމެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ މުބާރާތް ބާއްވާ ސޮނޭވާ ޖާނީ އާއި ސިޔާމް ވޯލްޑް މޯލްޑިވްސް އަދި ސަން ސިޔާމް އިރުފުއްޓެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ވެލާ ޕްރައިވެޓް އައިލެންޑާއި، ޝެވަލް ބްލެންކް ރަންދެލި އަދި މޫވެންޕިކް ރިސޯޓް ކުރެދިވަރެވެ.
މި ޒޯނުގެ މެޗުތަށް ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 11 އިން 19 ގެ ނިޔަލަށެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސޮނޭވާ ޖާނީ އާއި ސިޔާމް ވޯލްޑެވެ. ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭނީ ނޮކައުޓް މެޗެވެ.
މި މެޗު ކާމިޔާބުކުރާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާނެއެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.
ރިސޯޓް ލީގުގައި މިހާތަނަށް ހަތަރު ޒޯނެއްގެ ކުޅުން ވަނީ ނިމިފައެވެ. އެގޮތުން މީގެ ކުރިން ދާލު އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސްއިން ހޯދިއިރު، ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދީ ކޮންރެޑް މޯލްޑިވްސްއެވެ. އަދި ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޯޒެން ރިޒާވް ބޮލިފުށިން ހޯދިއިރު، ނޯތު މާލެ ޒޯނުގެ ޗެމްޕިއަންކަން ހޯދީ ބަރޮސް މޯލްޑިވްސްއިންނެވެ.