ދުނިޔެ

އަފްޣާނިސްތާނުގެ ސުލްޙައިގެ މަޝްވަރާތައް!


އަފްޣާނިސްތާނުގެ ޠާލިބާން ޖަމާޢަތާއި އެޤައުމުގެ ސަރުކާރު ޞުލްޙައިގެ މޭޒުދޮށަށް ގެންދިޔުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އެމެރިކާއާއި ޗައިނާއާއި ޕާކިސްތާނާއި އަފްޣާނިސްތާނުގެ މަންދޫބުން އިސްލާމް އާބާދުގައި ބައްދަލުކުރައްވައިފިއެވެ.މިބައްދަލުކުރެއްވުން އިފްތިތާޙް ކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ މުސްތަޝާރު ސަރްތާޖް ޢަޒީޒް ވިދާޅުވީ މިބައްދަލުވުމުގެ ބޭނުމަކީ ޠާލިބާން ޖަމާޢަތާއި އެޤައުމުގެ ސަރުކާރު ޞުލްޙައިގެ މޭޒުދޮށަށް ގެންދިޔުމަށް ކުރަންހުރި އެންމެފަހުގެ ކަންތައްކޮށް ނިންމުން ކަމަށެވެ. އަދި ޠާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު ޞުލްޙަ ޤާއިމް ކުރުމަށް އެކުލަވާލާފައިވާ މަގުޗާޓަށް ގެންނަންޖެހޭ އެންމެފަހުގެ ބަދަލުތައް ގެނެސް އެ މަގުޗާޓް ނިންމުމުގެ ކަންތައްވެސް މިބައްދަލުވުމުގައި ކުރާނެކަމަށް ޢަޒީޒް ވިދާޅުވިއެވެ.ޠާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު ހިނގަމުންދާ 15 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ދުއިސައްތަ ހާހެއްހާ މީހުން މަރުވެ އަފްޣާނިސްތާނުގެ އިޤްތިޞާދު ވަނީ ހުއްޓުމަކަށް އައިސްފައެވެ.