ކުޅިވަރު

ޗެލްސީގެ އެއްބަސްވުން ރީސް ޖޭމްސް އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން އިންގްލަންޑުގެ ޑިފެންޑަރު ރީސް ޖޭމްސް އާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައު އެއްބަސްވުމާއެކު އޭނާ ޗެލްސީގައި 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. މީގެ ކުރިން ޖޭމްސް ޗެލްސީ އާއެކު 2020 ވަނަ އަހަރު ސޮއިކުރި އެއްބަސްވުންވެސް ހަމަވަން އޮތީ 2025 ވަނަ އަހަރެވެ.

އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ޖޭމްސް ބުނީ ކުރިއަށް އޮތް ތަނުގައި ޗެލްސީ އާއެކު އިތުރު ކާމިޔާބީތައް ހޯދުމަށް އުއްމީދުކުރާ ކަމަށެވެ. އަދި އޭނާ ބޮޑުވަމުން އައީ ޗެލްސީއަށް ސަޕޯޓްކުރުމުގައި ކަމަށާއި އެގޮތުން އުމުރުން ހަ އަހަރުން ފެށިގެން ޗެލްސީގެ އެކެޑަމީން ތަމްރީނުވަމުން އަންނައިރު، އަބަދުވެސް ހުންނަން ބޭނުންވަނީ އެ ކުލަބުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ޗެލްސީގެ އެކެޑަމީން ފުރަތަމަ ޓީމަށް ޕްރޮމޯޓުވެ ޖޭމްސް އެންމެ ފުރަތަމަ ޗެލްސީއަށް ކުޅެފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މިހާތަނަށް ވަނީ ޗެލްސީއަށް 128 މެޗު ކުޅެދީފައެވެ.