އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ޖަޕާން އަތުން ފަސޭހަކަމާއެކު މޮޅުވެ އޭޝިއަން އިންޑޯ ގޭމްސްއަށް ކޮލިފައިވެއްޖެއެވެ.
ގޭމްސްއަށް ރާއްޖެ ކޮލިފައިވީ އެންމެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އިންޑޯ ގޭމްސްގެ ފައިނަލަށް ހޮވޭ ދެ ޓީމަށް ނެޓްބޯލް ވޯލްޑް ކަޕުން ޖާގަ ލިބިގެންދާނެއެވެ. އެހެންކަމުން މިއީ ދިވެހި ޓީމަށް ލިބުނު ބޮޑު ފުރުސަތެކެވެ.
މި ފަހަރުގެ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ވަރުގަދަ ސިންގަޕޫރު އަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި ރާއްޖެ ވަނީ ޖަޕާން ފަސޭހަކަމާއެކު ބަލިކޮށްފައެވެ.
ހޯމަ ދުވަހު ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ 56 ޕޮއިންޓް 21 ޕޮއިންޓުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާގެ ކުޅުން ނިމުނުއިރު ރާއްޖެ އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ. ޖަޕާނަށް ކާމިޔާބުކުރެވުނީ ހަތް ޕޮއިންޓެވެ. އަދި ހަތަރުވަނަ ކުއާޓާ ނިމުނުއިރުވެސް ދެ ޓީމުގެ ފަރަގަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ދެ ޓީމުގެ ދެމެދުގައި އޮތީ 35 ޕޮއިންޓުގެ ފަރަގެކެވެ.
މި މެޗާއެކު ފުރަތަމަ ބުރުގެ ކުޅުން ވަނީ ނިމިފައެވެ. ދެވަނަ ބުރުގައި ރާއްޖެ ލައްވާލީ ގްރޫޕް އެފް ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ޓީމުތަކަކީ ފިލިޕީންސް އާއި، ބުރޫނާއި އަދި ތައިލެންޑެވެ. މި ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ކުޅޭނީ 5 ވަނަ އަދި 6 ވަނަ ޓީމު ހޮވާ މެޗެވެ. އަދި ފުލުގައި އޮންނަ ދެ ޓީމު ޖެހޭނީ ހަތްވަނަ އަދި އަށްވަނަ ހޮވާ މެޗު ކުޅޭށެވެ.
މުބާރާތުގެ ފައިނަލް ބުރަށް ހޮވިފައިވަނީ ފުރަތަމަ ބުރުން ގްރޫޕުގެ އެއްވަނަ ހޯދި ޓީމުތަކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އާއި ސިންގަޕޫރުގެ އިތުރުން ހޮންގްކޮންގް އާއި މެލޭޝިއާއެވެ.
ސިންގަޕޫރުގައި ކުރިޔަށްދާ މި މުބާރާތުގައި އޭޝިއާ ސަރަހައްދުގެ ޖުމްލަ 11 ގައުމެއް ވާދަކުރެއެވެ. މި ފަހަރުގެ މުބާރާތަށް ދިޔައިރު ވެސް ނެޓްބޯޅަ ޓީމުގެ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން އިންޑޯ ގޭމްސް އަށް ކޮލިފައިވުމެވެ.