ކުޅިވަރު

ވެލިދޫ ބަލިކޮށް ހިންނަވަރު ތިންވަނަ ސެމީއަށް


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ދެވަނަ ސެމީ ފައިނަލުގައި ވެލިދޫ ސްޕޯޓްސް ކުލަބު ބަލިކޮށް ތިންވަނަ ސެމީ ފައިނަލުގެ ޖާގައެއް ހިންނަވަރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ހިންނަވަރު ޓާފް ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ހިންނަވަރުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ. ލީގު ބުރުގައި މި ދެ ޓީމުން ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ހޯމަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ 25 ވަނަ މިނެޓުގެ ތެރޭގައި ހިންނަވަރުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުގެ ކެޕްޓަން ވިޖާޒް އީސާ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އައްފާޝް އަބޫބަކުރެވެ. އަދި ހިންނަވަރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ހިންނަވަރުން ވަނީ ވެލިދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ވިޖާޒް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

އަދި މެޗުގެ 65 ވަނަ މިނެޓުގައި ހިންނަވަރުގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އުޝާމެވެ. އަދި ހިންނަވަރު ޓީމުގެ ހަވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ މިއްސާލެވެ.

މި ނަތީޖާއާއެކު އަންނަ ބުދަ ދުވަހު ހަވީރު ކުޅޭ ތިންވަނަ ސެމީ ފައިނަލުގައި ހިންނަވަރުން ބައްދަލުކުރަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވި ކުލަބު އޭދަފުއްޓާއެވެ. ސެމީގެ ތިންވަނަ މެޗު ކާމިޔާބުކުރާ ޓީމެއް ފައިނަލުގައި ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީއާއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 15000 ރުފިޔާ ލިބޭނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އެ މެޗު "ޔެސް ޓީވީ" އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.