ޚަބަރު

ރައީސަކު ކަނޑައެޅުމުގެ މަސައްކަތް މިޔަންމާއިން ފަށައިފި


ފަންސާސް އަހަރުގެ ތެރޭގައި މިޔަންމާގައި ހޮވިގެންދިޔަ ފުރަތަމަ ޑިމޮކްރޮޓިކް ސަރުކާރުގެ ރައީސަކު ކަނޑައެޅުމުގެ މަސައްކަތް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފަށައިފިއެވެ. މިމަސައްކަތް ޤާނޫނުހަދާ މަޖިލީހުން ކުރަމުންދާއިރު އެޤައުމުގެ އަސްކަރީ އިސް ޖެނެރަލުންވެސް ދަނީ މިކަމާ ގުޅޭ މަޝްވަރާތައް ބާއްވަމުންނެވެ.މިޔަންމާގައި ނަވާރަ ސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރު އޮތް ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށްފަހު ޤާއިމުކުރި އަސްކަރީ ވެރިކަމުގެ ދަށުގައި ފަންސާސް އަހަރު އޮތުމަށްފަހު އިންތިޚާބް ކުރެވުނު ފުރަތަމަ ޕާލިމެންޓުން އެންމެ ފުރަތަމަވެސް ބޭނުންވަނީ އަސްކަރިއްޔާއިން އެކުލަވާލާފައިވާ ޤާނޫނު އަސާސީގައިވާ މިހާރުގެ ހާލަތާ ނުގުޅޭ ކަންތައްތައް ބަދަލުކުރުން ކަމުގައި މިޔަންމާ ޤާނޫނުހަދާ މަޖިލީހުގެ ދަށު ގޭގެ އާ ރައީސް ވިދާޅުވިއެވެ.އަސްކަރީ ވެރިކަމެއްގެ ދަށުގައި އެތައްއަހަރުތަކެއް ހޭދަކުރުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އަންގ ސަންގ ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީންނެވެ. މިގޮތުން އެޕާޓީއިން ވަނީ ޤާނޫނުހަދާ މަޖިލީހުގެ އަށްޑިހަ އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މިޔަންމާގެ ޤާނޫނު އަސާސީ ބުނާގޮތުން އެންއެލްޑީގެ ރައީސް އަންގ ސަން ސުޗީއަށް ޤައުމުގެ ރައީސްގެ މަޤާމަކަށް ވަޑައެއް ނުގެންނެވޭނެއެވެ. ސަބަބކީ  އަންގ ސަން ސޫޗީގެ ބޭފުޅުންނަކީ ބޭރު ބައްޕައަކަށް ލިބިވަޑައިގެންފައިވާ، އަދި އެބޭފުޅުންނަކީ މުޅިން އެޤައުމަށް ނިސްބަތްވާ ބޭފުޅުންނަށް ނުވާތީއެވެ. އެހެންނަމަވެސް މިޤާނޫނަށް ބަދަލު ގެނައަމަށް ސޫޗީގެ ޕާޓީ އެންއެލްޑީ އިން ވަނީ މަސައްކަތް ފަށާފައެވެ.ސޫޗީގެ ޕާޓީން އިންތިޚާބް ބޮޑުތަފާތަކުން ކާމިޔާބު ކޮށްފައި ވީނަމަވެސް ޤައުމުގެ ވެރިއަކަށް ހޮވާނެ މީހަކު އެ ޕާޓީއިން އަދި ކަނޑައަޅާފައެއް ނުވެއެވެ. ސޫޗީ ވަނީ ޤައުމު ހިންގުމުގެ އެންމެ އިސް ދައުރު އޭނާ އަދާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.މިޔަންމާގެ ވެރިކަން އަސްކަރީ ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވިނަމަވެސް އެޤައުމުގައި އަސްކަރީ ބާރު އަދިވެސް ވަރަށް ގަދައެވެ. މިގޮތުން ޤާނޫނުހަދާ މަޖިލީހުގެ ފަންސަވީސް އިންސައްތަ ގޮނޑިއަށް މެމްބަރުން ހޮވަނީ އަސްކަރިއްޔާއިންނެވެ. އަދި ޤައުމުގެ ނުފޫޒުގަދަ ވުޒާރާތަކުގެ ތެރެއިން ހޯމް އެފެއަރޒް މިނިސްޓްރީ އާއި ބޯޑާ އެފެއަރޒް އަދި ޑިފެންސް މިނިސްޓްރީވެސް އޮންނާނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ.މިޔަންމާގެ ޕާލިމަންޓްގެ ފުރަތަމަ ޖަލްސާ ބޭއްވިގެންދިޔައިރު ޕާލިމަންޓުގެ ފުރަތަމަ ޒިންމާއަކީ އެޤަމުގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރުމެވެ. ފަންސާސް އަހަރަށް ފަހު އެޤައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބުކުރި އެން އެލް ޑީގެ ވެރިކަމުގެ ދައުރު ފެށޭނީ މިއަންނަ އޭފްރިލް މަހުއެވެ. އަސްކަރީ ވެރިކަމުގެ ދުވަސްވަރު އަންގ ސަންގ ސޫޗީ ވަނީ ފަނަރަ އަހަރު ގޭ ބަންދުގައި ހޭދަކުރައްވާފައެވެ.