ޚަބަރު

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދަށް އަހުލުވެރިކުރަނީ


މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދަށް އޮޑިވެރިންނާއި، ކެޕްޓަނުންނާއި، ފަޅުވެރިން އަދި ކަމާބެހޭ އެހެނިހެން ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތުދިނުމުގެ ބައްދަލުވުންތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ފައްޓަވައިފިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މިއަދުވަނީ މީރުބަހުރު ބަނދަރުގައި މައުލޫމާތުދިނުމުގެ ބައްދަލުވުމެއް ކުރިޔަށްގެންދަވާފައެވެ.ކަނޑުދަތުރު ކުރުމުގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށްބޮޑަށް އިސްކަންދެވިގެން އެކަށައަޅާފައިވާ މިޤަވާއިދަށް މިއަހަރު ޖެނުއަރީމަހު އަމަލުކުރަންފަށާފައިވާއިރު މިޤަވާއިދުގައި ސަލާމަތާ ރައްކާތެރިކަމުގެ އިތުރުން ފަސިންޖަރުންގެ ލުއިފަސޭހައަށްވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގެ ތެރޭން ހަތަރުގަޑިއިރަށްވުރު ކުރު ދަތުރު ކުރާ އުޅަނދެއްނަމަ ފަސިންޖަރުންނަށް ލެނގިލައިގެން އިށީދެވޭ ގޮތަށް ގޮނޑިއެއް ނުވަތަ ލެނގިގެން އިދެވޭގޮތަށް ހުންނަ ބެންޗެއްނަމަ ކޮންމެ ފަސިންޖަރަކަށް އަށާރަ އިންޗީގެ ނިސްބަތުން ޖާގަ ކަނޑައަޅަންޖެހެއެވެ. ހަތަރުގަޑި އިރަށްވުރެ ގިނައިން ދަތުރުކުރާ އުޅަނދެއްނަމަ ހަ ފޫޓް ދިގު އަދި ދެފޫޓް ބައި ފުޅާމިނުގައި ހުންނަ ވަރުގެ ޖާގައެއް، ހހުންނަން ޖެހުމާއި، ގޮނޑިޖަހާފައިވާ އުޅަނދެއްނަމަ އެ ގޮނޑީގައި ލެނގިލައިގެން ފައިދަމާލެވޭގޮތަށް ހަރުކޮށްފައި ހުންނަ ގޮނޑިއަކަށް ވާންޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. މިހާރުން މިހާރަށް މިޤަވާއިދުގެ ދަށުން ކުރަންޖެހޭ މުހިންމުކަންކަމުގެ ތެރޭގައި އުޅަނދުގައި ލައިފްޖެކެޓް ހުރި އަދަދުގެ ވިހި އިންސައްތަ އިތުރަށް ކުޑަކުދިންގެ ލައިފްޖެކެޓް ބެހެއްޓުމަށާއި، ބޮޑެތިމީހުންގެ ދިހައެއް އިންސައްތަ މީހުންނަށް ބޭނުންވާ ލައިފްޖެކްޓް އިތުރަށް ބެއްހެއްޓުން ލާޒިމްކޮށްފައިވެއެވެ. މިޤަވާއިދުގެ ދަށުން ކޮމިއުނިކޭޝަނަށް ބޭނުންކުރާ އާ އާލަތްތައްފަދަ އޮޑިދޯނިފަހަރުގެ ސަލާމަތާ ރައްކާތެރިކަމަށް މުހިންމު ބައެއް އާކަންކަންވެސް ކުރުމަށް ލާޒިންކޮށްފައިވެއެވެ. ނަމަވެސް މިފަދަ ބޮޑެތި ކަންކަމަށް އަމަލުކުރުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެނެވެ. އޭގެ ތެރޭގައި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި، ކުރޫންނާއި މެރިން މެކޭނިކްސް ފަދަ ފަރާތްތަކުގެ އަތުގައި ކަމާބެހޭ ސެޓްފިކެޓް އޮތުމާއި، އުޅަނދުފަހަރުގެ އިންޝުއަރެންސް ހިމެނެއެވެ. ޤަވާޢިދަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މާލޭގައި މިއަދު ކުރިޔަށްގެންދެވުމަށްފަހު އަތޮޅުތެރޭގައިވެސް މި ޕްރޮގްރާމް ކުރިޔަށްގެންދަވާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓިން މައުލޫމާތުދެއްވައެވެ.