ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރުވެއްޖެ


ގެވެށި އަނިޔާއަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެތެރެއިން އެކަކު، އެގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް އަނިޔާގެ ޢަމަލެއް ހިންގުމެވެ. ގެވެށި އަނިޔާއަކީ ވަކި ޢުމުރެއް، އަދި ވަކި ޖިންސެއްގެ މީހަކަށް ލިބޭ އަނިޔާއެއް ނޫނެވެ.  ހަމައެހެންމެ މިއީ ހަމައެކަނި ބޭރުން ފެންނަ ޖިސްމާނީ އަނިޔާއެއް އެކަނި އެއްވެސް ނޫން. އަންހެނުންގެ އިތުރުން ފިރިހެނުންނަށްގެވެށި އަނިޔާ ކުރިމަތިވެއެވެ. މިފަދަ އަނިޔާތަކަކީ ގިނައިން ގޭގެ ތެރެއިން ލިބޭ އަނިޔާއަށް ނުވަތަ ގެވެށި އަނިޔާއަށްވޭ.ސުވާލަކީ ގެވެށި އަނިޔާ އޭ ބުނުމުން ސާދާގޮތެއްގައި އެކަމުގެ ހީކުރެވޭ ގޮތަކީ ކިބައިތޯއެވެ؟ އަމިއްލައަށް ތަސައްވުރުކުރެނީ އަންހެނަކަށް އަނިޔާ ލިބޭ މަންޒަރު ނުވަތަ އަނިޔާ ލިބިފައިވާ އަންހެނެއްތޯއެވެ؟ ކުރިންވެސް ފާހަގަކޮށްލިހެން ގެވެށި އަނިޔާއަކީ ވަކި ޖިންސެއްގެ ބަޔަކު އެކަނި ތަޙައްމަލުކުރާ ކަމެއްވެސް ނޫނެކެވެ. އަންހެނުނާއި ފިރިހެނުންވެސް މިކަން ތަޙައްމަލުކުރަމުންދާއިރު، ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންގެ ނިސްބަތުން މިކަން ތަޙައްމަލުކުރަމުންދާ ގިނަ މީހުންނަކީ އަންހެނުންނާއި ޒުވާން އަންހެނުންކުދިންނެވެ. އެގޮތުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ހުށަހެޅުނު 435 މައްސަލައިގެ ތެރެއިން އަނިޔާ ލިބިފައިވާ 349 އަންހެނެއްގެ މައްސަލަ ހިމެނެއެވެ. މިތަފާސް ހިސާބުތަކުގައި އަނިޔާ ލިބިފައިވާ ފިރިހެނުންގެ މައްސަލައިގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ 119 މައްސަލައެވެ. ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި އަނިޔާ ފެށިގެން އަންނަނީ ދެމީހެއްގެ ދެމެދުގައި އުފެދޭ ގުޅުމެއްގެ ތެރެއިން ފުރަތަމަ ދިމާވާ ކުދިކުދި ކަންކަމުގައި އަނިޔާ ލިބޭ ފަރާތުން އަޅާނުލާ ދޫކޮށްލުމުންނެވެ. ގެވެށި ގުޅުމަކުން ގުޅިގެންވާ ބަޔަކު ދޭތެރޭގައި ހިނގާ މިފަދަ ކަންކަމީ ހަމައެކަނީ ގޭގެތެރޭގެ މައްސަލަތަކެއް ކަމަށް ނިންމައި، އެފަދަ މައްސަލަތައް ރިޕޯޓްނުކުރުމަކީވެސް މިފަދަ ކަންކަން ކުރާ މީހުންނަށް ދެވޭ އިތުރު ހިތްވަރަކަށް ނޫނީ ނުވާނެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދެނެގަންނަންޖެހެނީ އަނިޔާގެ ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެން ނުޖެހޭނެކަމެވެ. ހިތާމައަކީ ގިނަ ފަހަރަށް މިފަދަ ކަންކަމުގައި އަޅާނުލާ ދޫކޮށްލެވޭކަމެވެ. އެހެންކަމުން ގެވެށި އަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާއެއް ތަޙައްމަލް ކުރަމުންދާ މީހަކު ދެނެގަނެވޭނެ ގޮތްތަކާއި، މިފަދަ ކަންކަން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަން ދެނެގަތުން މުހިއްމެވެ.ކޮންމެ ގޮތަކަށްނަމަވެސް ލިބޭ އަނިޔާއަކީ އަނިޔާއެކެވެ. ޖިސްމާނީ އަނިޔާގެ އިތުރަށް، ޖިންސީ އަނިޔާ އާއި ނަފްސާނީ އަނިޔާކުރުމާއި ބަހުގެ ޙަމަލާދިނުމާއި، މާލީ ގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުމީވެސް ގެވެށި އަނިޔާގެ ޢަމަލުގެތެރޭގައި ހިމެނޭކަންކަމެވެ. އަދި ޑޮކްޓަރުގެ ލަފަޔާ ދެކޮޅަށް ވަކި މުއްދަތެއްގެ ކުރިން އަނބިމީހާ މާބަނޑުނުކުރުމަށް އެންގުމުން، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއް ނެތި މާބަނޑުކުރުމާއި، އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުމަކީވެސް މީގެތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ ކަމެއް ހިނގާނަމަ ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އެރަށެއްގެ ޕޮލިސް ސްޓޭޝަނަށް އަދި ޗިލްޑްރަން ސާރވިސް ސެންޓަރަށާއި، ޖެންޑަރ މިނިސްޓްރީގެ ކަމާބެހޭ ނަމްބަރަށް އަދި ކުޑަކުދިންގެ މައްސަލަތަކަށް ޚާއްޞަ ހޮޓްލައިން 1412 އަށް ހުށަހެޅޭނެއެވެ. އަދި އީމެއިލާއި ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެއެވެ. މީގެ އިތުރަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ ޢަމުރަކަށް ވެސް އެދެވިދާނެއެވެ.ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފިނަމަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި ޖިނާޢީ ކުށެއްކަމަށްވާނަމަ ޖިނާޢީ ކުށުގެ ދަޢުވާ އުފުލޭނެއެވެ.ގެވެށި އަނިޔާއާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގެންދަވަނީ ކުރައްވަމުންނެވެ. ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ގެވެށި އަނިޔާއަކީ ހިނގާކަމެއްކަމެވެ. ގެވެށި އަނިޔާ ހުއްޓުވަން ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ އެކަން ރިޕޯޓްކުރުމަށް ފަސްޖެހި، ހިތްދަތިކަމާއެކުގައިވެސް އެކަންތައް ތަޙައްމަލުކުރަމުން ގެންދާ ގެންދިއުމެވެ. އެހެންކަމުން އަނިޔާތަކާ ދެކޮޅަށް ތެދުވުމަށް ފަރުދީ ފެންވަރުގައާއި އިޖްތިމާޢީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.