ސްޕެނިޝް ލީގުގައި ރެއާލް ބެޓިހާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ މެޑްރިޑުގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބެޓިސް އިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ނުވަވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވިނީޝިއަސް ޖޫނިއަރއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ 11 މިނެޓްފަހުން ބެޓިސްއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ސަރޖިއޯ ކަނާލެސްއެވެ. މެޗުން ރެއާލް މޮޅުވި ލަނޑު 65 ވަނަ މިނެޓްގައި ޖަހާދިނީ ރޮޑްރިގޯއެވެ. މި ލަނޑު ޖެހުމުގެ ކުރިން ރެއާލްގެ ކަރިމް ބެންޒީމާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލްގެ ރޮނގުމަތިން ބެޓިސްއިން ދިފާއުކޮށްފައެވެ.
މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ބެޓިސް އިން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެ މިސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެފައެވެ.
މި ކާމިޔާބީއާއެކު ރެއާލުން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗް ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ސީޒަންގެ ފުރަތަމަ ނާކާމިޔާބީއާއެކު ބެޓިސް އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.