200 މީޓަރ ބްރެސްޓް ސްޓޯކްގެ ޤައުމީ ރިކޯޑް އުއްމީދީ ފެތުންތެރިޔާ އައިޝަތު ސާޖިނާ އާކޮށްފިއެވެ.
ފެތުމުގެ ޤައުމީ ރެކޯޑެއް ސާޖިނާ އާކޮށްފައިމިވަނީ އިންޑިޔާގެ ގުވަހާޓީގައި މިހާރު ކުރިއަށްދާ 12ވަނަ ސައުތް އޭޝިއަން ގޭމްސްގައެވެ. އޭނާ ގައުމީ ރެކޯޑް އާކުރީ 3 މިނެޓް 8.66 ސިކުންތުން ހީޓް ނިންމައިގެންނެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ދުއިސައްތަ މީޓަރ އަންހެން ބްރެސްޓް ސްޓޯކްގެ ފުރަތަމަ ހީޓްގައި ވާދަކޮށް ސާޖިނާ ޤައުމީ ރެކޯޑް އާކުރިއިރު އޭނާވަނީ ފައިނަލް ހީޓަށްވެސް ކޮލިފައިވެފައެވެ. ދުއިސައްތަ މީޓާރ ބްރެސްޓް ސްޓޯކްގެ ޤައުމީ ރެކޯޑް މީގެ ކުރިންވެސް އޮންނަނީ ސާޖިނާ އަތުގައެވެ. އޭނާ އަތުގައި ކުރިން އޮތް ރެކޯޑްގެ ޓައިމިންއަކީ 3 މިނެޓް 16.50 ސިކުންތެވެ. އޭނާ މި ރެކޯޑް ހެދީ މިދިޔަ އަހަރު ރަޝިޔާގެ ކަޒާންގައި އޮތް ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައެވެ.
ސާޖިނާގެ އިތުރުން ދިވެހި ގިނަ ފެތުންތެރިންނެއްވަނީ މިއަދު ހެނދުނު ފަތާފައެވެ. މި ފެތުންތެރިންގެ ތެރެއިން އާމިނަތު ޝަޖަންވަނީ 200 މީޓަރ އަންހެން ފްރީސްޓައިލްގެ ހީޓް އެކެއްގައި ވާދަކޮށް ފައިނަލް ހީޓުން ޖާގަ ހޯދާފައެވެ. އަދި އިސްމާއިލް މުއުތަސިމް އަދުނާންވެސްވަނީ 200 މީޓަރ ފިރިހެން ފްރީސްޓައިލް ފައިނަލް ހީޓަށް ކޮލިފައިވެފައެވެ. އަދި މި ދެ ފެތުންތެރިންގެ އިތުރުން ދިވެހި ފެތުންތެރިޔާ މުޙައްމަދު ނަޒްރާން ނަޒީރުވަނީ 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ފައިނަލް ހީޓަށް ކޮލިފައިވެފައެވެ.
އިންޑިވިޖުއަލް ފައިނަލްތަކުގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރ ޓީމް އިވެންޓް ރިލޭތައްވެސް މިއަދު ހަވީރުކުރިއަށްދާނެއެވެ.