ޚަބަރު

ރާއްޖޭގެ 20 ބައިވެރިންނާއެކު ސޫރަޖްކޫންދު ފެއާރ ކުރިއަށް އެބަދޭ


ރާއްޖޭގެ 20 ބައިވެރިންނާއެކު ސޫރަޖްކޫންދު އާރޓްސް އެންޑް ކްރާފްޓް ފެއާރ އިންޑިއާގެ ހަރިޔާނާގައި މިހާރު ކުރިޔަށް އެބަދެއެވެ. މިފެއާގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ބޮޑުބެރު ގްރޫޕަކަށާއި އަންހެނުން ކުރި އަރުވާ ދެ ކޮމިޓީއެއްގެ މެންބަރުންނަށް ދީފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ފަރާތުންނެވެ. މިގޮތުން ބޮޑުބެރު ގްރޫޕަކުން 14 ފަރާތަކަށާއި، އެސޯސިއޭޝަން އޮފް ލޭޑީ އެންޓަރޕްރިނިއާޒްގެ 4 ފަރާތަކާއި، އައްޑޫ ވިމެން އެސޯސިއޭޝަނެއްގެ 2 ފަރާތަކަށް މިފެއާގައި ބައިވެރިވުމަށް ޓިކެޓާއި އެހެނިހެން އެހީތެރިކަން ހައިކޮމިޝަނުން ދީފައިވެއެވެ. މިފަރާތްތަކުން މިހާރު ދަނީ މިފެއަރގައި ރާއްޖޭގެ އުފެއްދުންތަކާއި ސަގާފީ ހަރަކާތްތައް ހުށަހަޅަމުންނެވެ. މިފެއާގައި ބައިވެރިވާ އައްޑޫ ވިމެން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލް ޝަފްޤާ ޝަފީޤް ވިދާޅުވީ މިފެއާގައި އެ ޖަމްއިއްޔާގެ ފަރާތުން 52 އައިޓަމެއް ބައިވެރިކޮށްފައިވާކަމަށާއި، އެތަކެއްޗަށް ފެއާގައި ތަރުހީބު ލިބެމުން އަންނަކަމަށެވެ. އަދި މިފެއާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިއުމަކީ، އެޖަމްއިއްޔާއަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެއްކަމަށް ޝަފްޤާ ވިދާޅުވިއެވެ. އައްޑޫ ވިމެން އެސޯސިއޭޝަނަކީ މަސައްކަތްތެރި އަންހެނުން ބިނާކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. ސޫރަޖްކޫންދު އާރޓްސް އެންޑް ކްރާފްޓްސް ފެއަރ އަކީ، ހަރިޔާނާގެ ޓުއަރިޒަމް ޑިޕާޓްމަންޓުން ރާވައިގެން ކޮންމެ އަހަރަކު ބާއްވާ ފެއާއެކެވެ. މިފެއަރއަކީ، އާންމުކޮށް ދުނިޔޭގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެހެން އަމިއްލަ އުފެއްދުންތަކާއި، މިއުޒިކާއި އެހެނިހެން ހުނަރު ދައްކާލުމުގެ ފުރުޞަތު ދިނުމުގެ މަޤްސަދުގައި ބާއްވާ ފެއާއެކެވެ. މިފެއާ މިމަހުގެ ފަނަރައިގެ ނިޔަލަށް ކުރިށްދާނެއެވެ.