17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސްރީ ލަންކާއަށް ހިނގައްޖެއެވެ.
މުބާރާތް ކުރިޔަށްދާނީ މި މަހުގެ 5 އިން 14 ގެ ނިޔަލަށެވެ. ޖުމްލަ ހަ ޓީމު ވާދަކުރާ މި މުބާރާތުގައި ދެ ގްރޫޕަކަށް ވަނީ ޓީމުތަށް ބަހާލާފައެވެ. ރާއްޖެއާއެކު އެއް ގްރޫޕެއްގައި ހިމެނެނީ މުބާރާތް ބާއްވާ ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އެވެ.
ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އާއި ދެވަނައަށް އެންމެ ކާމިޔާބު ޓީމު ނޭޕާލުގެ އިތުރުން ބޫޓާނެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ އާއި ދެ ވަަނަ ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ރާއްޖެއިން ވަނީ މި މުބާރާތުގައި ވާދަކުރުމަށް ހުކުރުދުވަހު ފުރާފައެވެ. ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމުގެ ކޯޗިން ޓީމުގައި ހިމެނެނީ އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އަދި އާފިއު މުހައްމަދު ހާމިދެވެ.
ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމަށް ކުޅުންތެރިން ހޮވާފައިވަނީ އެފްއޭއެމުން 16 އަހަރުން ދަށަށް ހާއްސަކޮށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕުގެ ތެރެއިންނެވެ. މި މުބާރާތުގެ ތެރެއިން ފާހަގަވި ގިނަ ކުޅުންތެރިން ވަނީ ގައުމީ ސްކޮޑަށް ނަގާފައެވެ.
ކޮލޮމްބޯ ރޭސް ކޯސް ސްޓޭޑިއަމުގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އަދި އޭގެ އެއް ދުވަސް ފަހުން ރާއްޖޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއެވެ.
އެންމެފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެފަހަރު ރާއްޖެ ވާދަނުކުރެއެވެ. މުބާރާތުގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދީ އިންޑިއާއެވެ. އެ ގައުމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޭޕާލް 7-0 އިން ބަލިކޮށްގެންނެވެ.