ކުޅިވަރު

ވެލިދޫ ބަލިކޮށް ލީގު ބުރުގެ އެއްވަނަ ޗެލްސީއަށް


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ވެލިދޫ ސްޕޯޓްސް ކުލަބު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީން ލީގު ބުރުގެ އެއްވަނަ ހޯދައިފިއެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު ހުކުރު ދުވަހު ހަވީރު ހިންނަވަރު ޓާފް ދަނޑުގައި ކުޅުނުއިރު، މި މެޗު ޗެލްސީއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މުޙައްމަދު އިސާމްއެވެ. މި ލަނޑަށްފަހު ވެސް ޗެލްސީން ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކުރިއިރު، ވެލިދޫގެ ޑިފެންޑަރުން ވަނީ ޗެލްސީގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ޗެލްސީން ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މި މެޗުގެ 66 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ނަދީމްއެވެ.

މި ނަތީޖާއާއެކު ލީގު ބުރުގެ އެއްވަނަ ޗެލްސީއަށް ލިބެނީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. ލީގު ބުރުގައި އެ ޓީމު ބަލިވެފައިވަނީ ހިންނަވަރު އަތުންނެވެ. ދެވަނައަށް ދިޔަ ކުލަބް އޭދަފުއްޓަށާއި، ތިންވަނައަށް ދިޔަ ހިންނަވަރު ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފައެވެ. އޭދަފުއްޓަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ހަވީރު ނުކުންނާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނައަށް ދިޔަ ޗެލްސީ އާއި އޭދަފުއްޓެވެ. ދެވަނަ ސެމީގައި ހިންނަވަރު އާއި ވެލިދޫ ބައްދަލުކުރާނީ ހޯމަ ދުވަހުއެވެ. ދެވަނަ ސެމީން މޮޅުވާ ޓީމަށް ޖެހޭނީ ތިންވަނަ ސެމީގައި ފުރަތަމަ ސެމީން ބަލިވާ ޓީމާ ދެކޮޅަށް ކުޅޭށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50.000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 15.000 ރުފިޔާ ލިބޭނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.