ޚަބަރު

ފ.ނިލަންދޫ ބަނދަރާއެކު 10 ހެކްޓަރުގެ ބިން ހިއްކަނީ


ފ. ނިލަންދޫގައި އަލަށް ހަދާ ބަނދަރާއެކު، އެރަށު ފަޅު ތެރެއިން ދިހަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނެފިއެވެ. އެމް.ޓީ.ސީ.ސީން ބުނީ، އެ ކުންފުންޏަށް އަލަށް ގެންނަ ޑްރެޖަރ ގެނައުމުން ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށެވެ. އެމް.ޓީ.ސީ.ސީން ޑްރެޖަރ ގެނައުމުގައި މާލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނިލަންދޫގައި އަލަށް ހަދާ ބަނދަރުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިމަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ހެވީ ވެހިކަލްތައް މިހާރު ވަނީ ނިލަންދޫއަށް ގެންގޮސްފައެވެ. ބަނދަރުގެ މަސައްކަތް ފެށެން އަންނަނީ ބިން ހިއްކުމަށްފަހު ކަމަށްވުމާއެކު، މިހާރު ކުރިއަށްދަނީ ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބެޑް ހެދުމުގެ މަސައްކަތެވެ.