ތ.ތިމަރަފުއްޓާޢި ގދ.ގައްދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް ވިދާޅުވެއްޖެއެވެ. އާރްޑީސީން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަޝްރޫޢު އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން އަތޮޅުތެރޭގެ 17 ރަށެއްގައި، ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަގު ހެދުމަށް ޚާއްސަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ އުފެއްދީ 2019ވަނަ އަހަރުއެވެ. ކޯވިޑްގެ ޙާލަތަށް ފަހު، ކުންފުނީގެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ވަނީ ފަށާފައެވެ. އެ ކުންފުނިން 17 ރަށެއްގައި، ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ، ކޯވިޑްގެ ޙާލަތުގެ ސަބަބުން މަސައްކަތްތަަކަށް ބޮޑު ހުއްޓުމެއް އައިކަމަށެވެ. ނަމަވެސް މިހާރު ކުންފުންޏާ ހަވާލުވެފައިވާ 17 ރަށުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މުޅި ޓީމް މަސައްކަތް ކުރަމުންދާކަމަށެވެ.
މޫސާ އަލީ މަނިކް ވިދާޅުވީ 5 ރަށެއްގެ މަސައްކަތުގެ %70 ނިމިފައިވާކަމަށެވެ.
އެންމެ ބާރަށް ކުރިއަށްދަނީ ގދ.ގައްދުއާއި ތ.ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތްކަމަށެވެ. އެ ދެ ރަށުގައި މިމަހު ތާރު އަޅަން ފަށާނެކަމަށް މޫސާ އަލީ މަނިކް ވިދާޅުވިއެވެ.
"މިމަހު ދެ ރަށެއްގެ ތާރު އެޅުމުގެ މަސައްކަތް ފަށާނަން. އަދި އަންނަ މަހު 3 ރަށެއްގެ މަސައްކަތް ފަށާނަން. ސައިޑް ވޯކް، ފެން ހިންދާ ނިޒާމު އަދި އެހެނިހެން މަސައްކަތްތައް ވަނީ ނިިމިފައި." މޫސާ އަލީ މަނިކް ވިދާޅުވިއެވެ.
މި މަޝްރޫއުގައި ގައްދޫގެ މައި 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއެވެ. އެއީ 6 ކިލޯމީޓަރުގެ މަގެވެ.
ތިމަރަފުށި މަގު ހެދުމުގެ މަޝްރޫޢުގައި ރަށުގައި އެންމެ ގިނައިން ބޭނުންކުރާ 8 މަގުގައި ތާރުއަޅާނެއެވެ. އެއީ 6.15 ކިލޯމިޓަރުގެ މަގެވެ.
މިގެއިތުރުން ގދ.ތިނަދޫ، އދ.މާމިގިލި އަދި ށ.މިލަންދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް އާރްޑީސީން ބުނެއެވެ.