ނެދަލަންޑްސްގެ އަޔަކްސްއަށް ކުޅެމުން އަައި ބްރެޒިލުގެ އެންތަނީ، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ރިޕޯޓުތަށް ބުނާގޮތުންއެންތަނީ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ 82 މިލިއަން ޕައުންޑްގެ އަގަކަށެވެ.
މިއެއްބަސްވުމުގެ ދަށުން އިތުރު އެހެން ކަންތައްތަކަށް އެޑް އޮންސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ހިމެނިފައިވާއިރު މިއީ ޕްރިމިއަރ ލީގުގައި ހަތަރު ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އުމުރުން 22 އަހަރުގެ މިކުޅުންތެރިޔާ މިވަނީ 2027 ގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރަން އެއްބަސްވެފައެވެ. އަދި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތުވެސް މިއެއްބަސްވުމުގައި ހިމަނާފައިވެއެވެ.
އެންތަނީ ހާމަކުރިގޮތުގައި ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކްލަބަށް ސޮއި ކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ފާހަގަ ކޮށްލެވޭ ވަގުތުކޮޅެއް ކަމަށެވެ. އޭނާއަށް މިހާހިސާބަށް އައުމުގައި އެހީތެރިވި އެންމެންނައް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އެންތަނީ ވަނީ ޔުނައިޓެޑްގެ މިހާރުގެ ކޯޗް އެރިކް ޓެން ހާގް އާއެކު އަޔެކްސްގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާ ހަމަކުރިގޮތުގައި ޓެން ހާގްގެ ދަށުން މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި އޭނާ ގެންގުޅޭ އުސުލްތަކުގެ ސަބަބުން އެންތަނީގެ އަސްލު ކުޅުން ދެއްކި އޭނާގެ ކުޅުން ކުރިއެރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދިޔަ ކަމަށެވެ.
އެންތަނީގެ އިތުރުން ޓްރާންސްފަރ ވިންޑޯގެ ފަހު ދުވަހު ޔުނައިޓެޑުން މިވަނީ ނިއުކާސްލްގެ ކުރީގެ އެއް ނަންބަރު ކީޕަރ މާޓިން ޑުބްރަވްކާވެސް އެޓީމަށް ލޯން އެއްބަސްވުމެއްގެ ދަށުން ގެންގޮސްފައެވެ. ސްލޮވާކިއާގެ ކީޕަރވަނީ ޕްރިމިއަރ ލީގުގައި މިހާތަނަށް 125 މެޗް ކުޅެފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން މިފަހަރުގެ ސީޒަން ނިމުމުން ޔުނައިޓެޑުން ބޭނުންނަމަ ޑުބްރަވްކާ ދާއިމީކޮށް އެކްލަބަށް ސޮއިކުރުވުމުގެ އިހްތިޔާރު ލިބިގެންދެއެވެ.