ރިޕޯޓް

ކަސަބު ބޯވަޅުއެޅި ދިވެހި ލިބާސް- އުވެމުންދާ ދިވެހި ހެދުމެއް


ދިވެހިލިބާހަކީ ދިވެހި އަންހެނުން ޢާންމުކޮށް އަޅާ އުޅުނު ދިވެހިން ހެދުމެވެ. ދިވެހި ލިބާހުގެ ތެރޭގައި ބޯވަޅު ނުހިމެނޭ އާދައިގެ ލިބާހާއި އެފަދަ ލިބާހާއެކު ފޮތިބޯވަޅު ބޭނުންކުރާ ލިބާހާއި ކަސަބުވޯވަޅު އެޅި ލިބާސް ހިމެނެއެވެ. މިހެދުމަކީ ރާއްޖެ ނޫންތަކަކުން ފެންނަން ނެތް އަދި އެހެން ބަޔަކު ބޭނުންކުރަމުން ނުގެންދާ ހަމަ އެކަނި ދިވެހިވަންތަ ދިވެހި ހެދުމެވެ.ދުނިޔެ ބަވަނަވަމުން ދިއުމާއި ޒަމާނާއި ފޭރާމުގެ ފެޝަނަށް އަންނަމުންދާ ބަދަލުތަކާއެކު މިހާރު ދިވެހި ލިބާހަކީ މަދުބަޔަކު ނޫނީ ޢާންމުކޮށް ބޭނުންކުރާ ހެދުމަކަށް ނުވެއެވެ. އެހެންނަމަވެސް ޤައުމު ތަމްސީލްކުރުމަށާއި ޤައުމީ މުނާސަބަތުތައް، ޤައުމުވަންތަގޮތަށް ފާހަގަކުރުމުގައި ދިވެހި ލިބާހަކީ ދިވެހިން ފަޚުރުވެރިކަމާއެކު ބޭނުންކުރާ ހެދުމެކެވެ. ތުއްތުކުދިންނާއި ދަރިވަރުން މި ހެދުން ލެއްވުމަކީ މިހާރުވެސް ދިވެހި މަންމައިންނާއި ބައްޕައިން ޝައުޤުވެރިވާ ކަމެކެވެ.ގދ. ތިނަދު ހުރަވީގެއަކީ އޭގެ އެންމެ ފުރިހަމަ ފަރުމާއާ އެއްގޮތަށް އެންމެ ރަނގަޅު ފޭރާމުގައި ލިބާސް ތައްޔާރުކުރުމަށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ގެއެކެވެ. އެގޮތުން އެގޭ އައިސާފާނު ނުދައްނަ މީހަކު މުޅި ހުވަދުއަތޮޅުގައިވެސް ނުހުންނާނެކަމަށް މީހުން ބުނެއެވެ. އައިޝަފާނުގެ މާމަގެ ފަރާތުން މިކަން ދަސްކޮށްގެން ދިވެހި ލިބާސް ތައްޔާރުކުރުމުގެ މަސައްކަތް އައިޝަފާނު ކުރަމުން އަންނަތާ މިހާރު ފަންސާހަކަށް އަހަރު ވަނީ ވެފައެވެ. މީ އައިސާފާނުގެ ޢާއިލާއިން ދިރިއުޅުމަށް ބޭނުންވާ އާމްދަނީ ހޯދުމަށް މިހާރުވެސް ކޮށް އުޅޭ މަސައްކަތެވެ.އައިސާފާނު ދިވެހިލިބާސް ތައްޔާރުކުރުމުގެ މަސައްކަތް އެންމެފުރަތަމަ ދަސްކުރީ ޢުމުރުން 20 އަހަރުގައެވެ. އޭނާ ބުނި ގޮތުގައި ބޯވަޅު ތައްޔާރުކޮށް، ފުރިހަމަ ދިވެހި ލިބާހެއް ތައްޔާރުކުރުމަށް 15 ދުވަސް ހޭދަވާނެއެވެ. މިހާރުވެސް ވަރަށް ގިނަމީހުން ދިވެހި ލިބާސް ތައްޔާރުކުރުމަށް އައިސާފާނުގެ ގާތަށް އައިސް އުޅެއެވެ.އައިޝަފާނު ބުނީ އޭނާ ތައްޔާރުކުރި ލިބާހުގެ ޢަދަދު މިހާރު ބުނަންވެސް ނޭނގޭކަމަށެެވެ. އެގޮތުން ރާއްޖޭގެ އިސް ބައެއް ބޭފުޅުންނަށާއި، ބޭރުގެ ސަފީރުންނަށާއި، ޤައުމުތަކުގެ އިސްވެރިންނަށްވެސް ލިބާސް ތައްޔާރުކޮށްދީފައި ހުންނާނެކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން އޮސްޓްރޭލިއާގެ މީހަކަށް ފުރިހަމަ ދިވެހި ލިބާހެއް ތައްޔާރުކޮށްދީފައިވާއިރު، ސަޢޫދީ ރަސްގެފާނަށްވެސް ދިވެހި ލިބާހެއް ވެދުމަށް އަރުވާފައިވާކަމަށް އައިޝާފާނު ބުންޏެވެ.މިހާރު ގދ. ކަނޑުހުޅުދުއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ އައިޝާފާނު ބުނިގޮތުގައި އޭނާ ތައްޔާރުކުރާ ގޮތަށް ތައްޔާރުކުރާ ދިވެހި ލިބާހަކަށް އަހަރުތަކެއް ކުރިން ލިބެނީ ފަސްސަތޭކައެއްހާ ރުފިޔާ ކަމަށެވެ. އެހެންނަމެވެސް މހާރު ލިބާހަކަސް 2500 ރުފިޔާ ލިބެއެވެ. އެހެންކަމުން މި މަސައްކަތުން ދިރިއުޅުން ހަމަޖައްސާލެވޭވަރުގެ އާމްނީއެއް ލިބޭކަން އޭނާ ފާހަގަކުރިއެވެ.މި މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އައިޝަފާނު ނުގެންގުޅޭއިރު އޭނާގެ ތިބި 2 އަންހެން ދަރިންނަށްވެސް މިހާރު އެ މަސައްކަތް ވަނީ ދަސްކޮށްދީފައެވެ. ނަމަވެސް ދިވެހިންގެ ސާޤާފަތާއި ގުޅިފައިވާ މި މަސައްކަތް މިހާރުގެ ޒުވާން ކުދިން ދަސްކުރުމުގެ ޝައުޤުވެރިކަން ނުހުންނަކަން އައިޝަފާނު ފާހަގަކުރިއެވެ.ދިވެހި ލިބާސް ތައްޔާރުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ރަށުންނާއި ރާއްޖެއިން ބައެއް ތަކެތި ނުލިބުންކަމަށް އައިސާފާނު ބުންޏެވެ. އުމުރުން 70 އަހަރުގެ އައިޝާފާނު މިހާރުވެސް ކަސަބު ލިބާހެއް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަސަބު އެޅި ލިބާސް ފުރިހަމަވަނީ ބާދަލާހިރު، ހުއްދުހިރު، ކަސަބުހިރު، މަތީހިރު، ތިރީހިރު، ބަގިޔާ އަދި މާޖަހާފައިވާ ރޮދިގަނޑު އަތުރާލުމުންނެވެ. ކަސަބުގައި އެންމެ ރީތިކަމެއް ގެންނަ ބަޔަކީ މާޖަހާފައިވާ ރޮދި ގަނޑުކަމަށް އައިޝާފާނު ބުންޏެވެ.އައިޝާފާނުގެ އަންހެންދަރިފުޅު ނާޒިމާ ޙަސަން މި މަސައްކަތް ދަސްކުރީ ޢުމުރުން 19 އަހަރުގައެވެ. މީހާރު 44 އަހަރުގެ ނާޒިމާ ބުނީ މި މިސައްކަތް ދަސްކުރީ ކުޑައިރުއްސުރެ މަންމަ މިކަން ކުރަމުން އަންނަ ތަން ފެނިގެން ޝައުޤުވެރިކަން އުފެދިގެންކަމަށެވެ. އޭނާގެ ބުނީ ކަސަބުބޯވަޅު ލިބާހެއް ފެނުމުން މިޒަމާނުގެ އަންހެން ކުދިންނަން ވަރަށް ރީތިވެގެން އުޅޭކަމަށެވެ. މި މަސައްކަތް ނާޒިމާގެ މާމަ ދަރިންނަށްވެސް މިހާރު އަންނަނީ ދަސްކޮށްދެމުންނެވެ.ނާޒިމާ ބުނިގޮތުގައި ލިބާސް ފަހަންވީ މިން، ދުރު ރަށެއްގައި ހުރެފައި ފޮނުވާލުމުން ފުރިހަމަ ލިބާހެއް 15 ދުވަހުގެ ތެރޭގައި ފަހާލެވޭނެކަމަށެވެ. މިހާރުވެސް މި މަސައްކަތް ދަސްކުރަން ބޭނުންވާ މީހުންނަށް ދަސްކޮށްދިނުމަށް އައިޝާފާނައި ނާޒިމާއާ ދެމައިން ތިބީ ތައްޔާރަށެވެ.