އަންނަ ހޮނިހިރު ދުވަހު ސިންގަޕޫރުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އަންހެން ނެޓްބޯޅަ ޓީމާ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ވަނީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމު ވަނީ މުބާރާތުގައި ވާދަކުރުމަށް ސިންގަޕޫރަށް ދިއުމަށް ފުރާފައެވެ.
މި މުބާރާތް އޮންނާނީ މި މަހުގެ 3-11 އަށް ސިންގަޕޫރުގައެވެ. މި މުބާރާތުގައި އޭޝިއާ ސަރަހައްދުގެ 11 ގައުމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖެ އާއި، އިންޑިއާ އާއި، ސްރީ ލަންކާ އާއި، ފިލިޕީންސް އާއި، މެލޭޝީއާ އާއި، ސިންގަޕޫރާއި، ހޮންކޮންގާއި، ތައިލެންޑާއި، ޖަޕާނާއި، ބުރުނާއީ އަދި ޓައިވާނެވެ. މި 11 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު, ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސިންގަޕޫރާއި ޖަޕާނެވެ.
މި މުބާރާތުގައި ވާދަކުރާ އަންހެން ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، އެ ޓީމުގައި މީގެ ކުރިން ސީނިއާ ޓީމާއެކު ބައިނަލްއަގުވާމީ މެޗެއް ކުޅުނު ތިބީ ދެ ކުޅުންތެރިންނެވެ. އަދި 20 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކު ވަނީ ސްކޮޑުގައި ހިމަނާފައެވެ.
މި މުބާރާތުގައި އޭޝިއާ ޗެމްޕިއަން ކަނޑައެޅުމުގެ އިތުރުން، މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމަށް އަންނަ އަހަރު ސައުތު އެފްރިކާގެ ކޭޕް ޓައުންގައި އޮންނަ ނެޓްބޯލް ވޯލްޑް ކަޕުން ޖާގަ ލިބޭނެއެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕުގެ ގަދަ އަށް ޓީމަށް އޭޝިއަން އިންޑޯ ގޭމްސްއިންވެސް ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ގައުމީ ޓީމުން އަންނަނީ ފަރިތަކުރަމުންނެވެ.