ކުޅިވަރު

ވެލިދޫ ބަލިކޮށް ހިންނަވަރުން ސެމީގެ ޖާގައެއް ޔަގީންކޮށްފި


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ވެލިދޫ ސްޕޯޓްސް ކުލަބު ބަލިކޮށް ހިންނަވަރު ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ހިންނަވަރު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ހިންނަވަރުން ނުކުތީ އެ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނުލައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ހިންނަވަރުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 51 ވަނަ މިނެޓުގައި ހިންނަވަރުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިޖާޒް އީސަ (ވިޖޫ) އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ހިންނަވަރުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އުޝާމެވެ.

އެކަމަކު އޭގެ މިނެޓެއް ފަހުން ވެލިދޫއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަބްދުﷲއެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވިގެންދާނެއެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނައިފަރު ޗެލްސީ އެފްސީ އާއި ދެވަނައިގައި އޮތް ހިންނަވަރަށް ކުޅުނު ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އަދި ލީގު ތާވަލުގެ ތިންވަނައިގައި އޮތް ކުލަބު އޭދަފުއްޓަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.