ދުނިޔެ

ރެފިއުޖީންނަށް 10 ބިލިޔަނާއި 11 ބިލިޔަން ޑޮލަރާ ދެމެދުގެ އެހީއެއް


ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންނަށާ އަދި އެމީހުން ހިޔާވަހިކަން ހޯދައިގެންތިބި އެސަރަހައްދުގެ ޤައުމުތަކަށް އެހީވުމަށް 10 ބިލިޔަނާއި 11 ބިލިޔަން ޑޮލަރާ ދެމެދުގެ މާލީ އެހީ ދޭނެކަމުގެ ވަޢުދު ދުނިޔޭގެ ޤައުމުތަކުން ލިބިއްޖެކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެއެވެ.ސޫރިޔާގެ ރެފިއުޖީންނަށާ އަދި އެމީހުންނަށް ހިޔާވަހިކަންދޭ ޤައުމުތަކަށް އެހީވުމަށް ލަންޑަންގައި ބޭއްވި މަހާސިންތާއަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކެމެރަން ވިދާޅުވީ ސޫރިޔާގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާ ގިނައަދަދެއްގެ ފައިސާ ދޭނެކަމުގެ ވައުދު ދުނިޔޭގެ ޤައުމުތަކުން ލިބުމަކީ ބޮޑު ކާމިޔާބީ އެއް ކަމަށެވެ.ލަންޑަންގައި ބޭއްވި އެއްދުވަހުގެ މިމަހާސިންތާ އދ. ން އިންތިޒާމް ކޮށްފައިވަނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި ކުވައިތާ އަދި ނޯވޭ އާ ގުޅިގެން އެޤައުމުތަކުގެ އެހީގައެވެ. މި މަހާސިންތާގައި ދުނިޔޭގެ 70 ޤައުމަކުން މަންދޫބުން ބައިވެރިވެފައިވާއިރު މީގެތެރޭގައި ޖަރުމަނުވިލާތާއި ކުވައިތާއި ނޯވޭއާއި ތުރުކީވިލާތާ އަދި ލުބްނާނުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.މިމަހާސިންތާގައި ޤައުމުތަކުގެ މަންދޫބުންގެ އިތުރުން އދ. ގެ ދަށުން ހަރަކާތްތެރިވާ ޖަމްއިއްޔާ ތަކާއި އިންސާނީ އެހީގެ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިޢްޔާ ޖަމާއަތްތަކުގެ މަންދޫބުންނާއި އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.ސޫރިޔާއާއި އެ ސަރަހައްދަށް އެހީތެރިވުމުގެ ނަމުގައި ލަންޑަންގައި ބޭއްވި އެއްދުވަހުގެ މި މަހާސިންތާގެ އަމާޒަކީ 9 ބިލިޔަން ޑޮލަރު ހޯދުންކަމަށް އދ. ން ބުނެއެވެ. މި މަހާސިންތާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ އދ. ގެ މަސްއޫލުވެރިން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ 18 މިލިޔަން މީހުނަށް ކެއިން ބުއިމާއި ވަގުތީ ހިޔާވަހިކަމާއި އަދި ތަޢުލީމާއި ސިއްޙަތަށް މިއަހަރަށާ އަދި ކުރިޔަށްއޮތް އަހަރަށް މަދުވެގެން 9 ބިލިޔަން ޑޮލަރު ބޭނުންވާކަމަށެވެ.މި މަހާސިންތާއިން ލިބޭ ފައިސާ ޚަރަދުކުރާނީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ހުރިހާ ރައްޔިތުންނަށާ އަދި ސޫރިޔާގެ ރެފިއުޖީންނަށް ވަގުތީގޮތުން ހިޔާވަހިކަންދީފައިވާ އެސަރަހައްދުގެ ގައުމުތަކަށް ކަމަށް އދ. ން ބުނެއެވެ. މިމަހާސިންތާގައި ބައިވެރިވި ޤައުމުތަކުން ސޫރިޔާގެ ރެފިއުޖީންނަށާއި އެމީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ އެސަރަހައްދުގެ ޤައުމުތަކަށް 10 ބިލިޔަނާއި 11 ބިލިޔަން ޑޮލަރާ ދެމެދުގެ މިންވަރެއް ދޭނެކަމުގެ ވައުދުވެފައިވާއިރު މީގެތެރެއިން ހަ ބިލިޔަން ޑޮލަރު މިއަހަރު ލިބޭނެ ކަމަށާ ބާކީ ފަސްބިލިޔަން ޑޮލަރު ލިބޭނީ ކުރިޔަށްއޮތް ތިންއަހަރުތެރޭގައި ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވިއެވެ.މި މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވި ލުބްނާނުގެ ބޮޑުވަޒީރު ތައްމާމް ސަލާމް ވިދާޅުވީ ލުބްނާނުގައި އެކަނިވެސް ސޫރިޔާގެ ދޮޅުމިލިޔަން މީހުން ރެފިއުޖީންގެ ގޮތުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުން ގެންދާކަމަށެވެ.މި މަހާސިންތާގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދޭނެކަމަށް ވައުދުވެފައިވަނީ ޖަރުމަނުވިލާތާއި ކުވައިތާއި ނޯވޭ އާ އަދި އިނގިރޭސިވިލާތުންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް 5 އަހަރުވާން ގާތްވެފައިވާއިރު އެޤައުމުގެ 22 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަންމީހުންވަނީ ހާލުގައި ޖެހިފައެވެ. އަދި ހަނގުރާމައިގާ ގެދޮރާއި މުދައު ގެއްލިގެން ދިޔުމުގެ ސަބަބުން ނުވަ މިލިޔަނަށްވުރެ ގިނަ ރައްޔިތުންވަނީ ގައުމުގެ އެތެރޭގައާއި ޤައުމުން ބޭރުގައި މަގުމަތިވެ ރެފިއުޖީންނަށްވެފައެވެ.