ކުޅިވަރު

މޮންޒާ ބަލިކޮށް ރޯމާ ތާވަލުގެ އެއްވަނައަށް


އިޓާލިއަން ލީގުގައި މޮންޒާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ރޯމާ ޖެހިލައިފިއެވެ.

ރޯމާގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމޗްގައި މޮންޒާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ރޯމާއަށް ކާމިޔާބުކޮށްދީ ލީޑު ނަގާދިނީ އެޓީމާއި މިސީޒަންގައި އަލަށް ގުޅުނު ޕައުލޯ ޑިބާލާއެވެ. އަދި މެޗްގެ 32 ވަނަ މިނެޓްގައި ރޯމާގެ ލީޑު ފުޅާކޮށްދިނީވެސް ޑިބާލާއެވެ. މިމެޗްގައި ރޯމާގެ ތިންވަނަ ލަނޑު މެޗްގެ 61 ވަަނަ މިނެޓްގައި ޖަހާދިނީ ރޮޖަރ އިބަނޭޒްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނދު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔައެވެ.

މިކާމިޔާބީއައެކު ރޯމާއިން މިވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށް އެއް މެޗް އެއްވަރު ކޮށްގެން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި މޮންޒާ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މިމުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ސަސުއޮލޯ ބައްދަލުކުރިމެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރު ވެފައެވެ. މިމެޗްގައި ސަސުއޮލޯއަށް ލިބުނު ޕެނަލްޓީއެއްވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.