ކުޅިވަރު

ޓީނޭޖް ބަލިކޮށް ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް


ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި ކުލަބު ޓީނޭޖް ބަލިކޮށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ބުރު ސްޕޯޓްސް ކުލަބު ޕްރޮމޯޓްވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ 87 ވަނަ މިނެޓުގައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން މެޗުގެ ކުޅުން ހުއްޓާލިއެވެ. އެއީ ދަނޑު މަތީގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން މެޗު އިތުރަށް ކުރިއަށް ނުގެންދަން ރެފުރީ ނިންމުމާއެކުއެވެ. މެޗު ހުއްޓާލިއިރު ބުރު ސްޕޯޓްސް އޮތީ 3-1 ގެ ނަތީޖާއަކުން ކުރީގައެވެ.

މި މެޗަށްފަހު އޭގެ ގަޑިއެއްހާއިރު ފަހުން ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މެޗުގެ ނަތީޖާއަކީ އެ ވަގުތު ކުޅުން ހުއްޓާލިއިރު އޮތް ނަތީޖާ ކަމަށާއި، މެޗު ފުރިހަމަނުކުރެވުނީ ޓީނޭޖުގެ އިހުމާލުން ކަމަށް ނިންމާފައެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވަންވެސް އެމަޖެންސީ ކޮމިޓީގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މި ނަތީޖާއާއެކު ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓް ހޯދައިގެންނެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސްއިން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި އުޒްބަކިސްތާނުގެ މިޑްފީލްޑަރު މިރްޖަލޯލް ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ މިޑްފީލްޑަރު އަޙްމަދު މުޙައްމަދު ގަބާލާއެވެ.

އެކަމަކު މެޗުގެ 20 ވަނަ މިނެޓުގައި ޓީނޭޖުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ބުރު ސްޕޯޓްސްގެ ފުލްބެކް އަޙްމަދު ނުހާދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީނޭޖުން ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ގޯލަށް ފޮނުވާލިތަނާ ރެފުރީ ވަނީ ހާފުގެ ކުޅުން ނިންމާލަން ކަށިގަނޑު ފުމެފައެވެ. އެއާއެކު ޓީނޭޖުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބުރު ސްޕޯޓްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ދެވަނަ ހާފުގައި ކުޅެން އެރި އަޙްމަދު ނިޒާމް ހުރަސްކޮށްދިން ބޯޅައަކުން އައްމަޑޭ ވަނީ ލަނޑެއް ޖަހައި، ބުރު ސްޕޯޓްސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މޮޅުވެ ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވިއިރު، މިއީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މި ސީޒަނުގައި އެ ޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.